އީދުގެ ކުޅިވަރުތައް ކުޅެ، އުފާފާޅު ކުރަމުންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައީސް މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާ ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ނުވަތަ ބޮޑު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުންނާއި މުޅި އިސްލާމީ އުންމަތަށް ވަނީ އީދުގެ މުނާސަބަތުގައި ތަހުނިޔާ ރައްދުކުރައްވާފަ އެވެ.
ތަފްސީލު - އެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެ ވެސް އުފާކަމުގައި ދުށުމަށް މި އީދުން ދަސްކޮށްދޭކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މި އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށެވެ.
"އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން، އީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި:
އަޟްހާ އީދަކީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް
އަރާފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން ކޮންމެ ދިމާއަކަށް ވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު
އުޟްހިޔާ ކަތިލުމާއި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސް މީހުން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށްދިއުމުގެ ހިތްވަރު އާލާވާނެ ކަންކަން
ރައީސް ގޮވާލެއްވީ އިސްލާމީ އުސޫލުގެ ތެރެއިން އީދު ފާހަގަކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ