ވޯލްޑް ކަޕް 2026: މެސީއަށް އަނިޔާގެ ނުރައްކަލެއް ނެތް
އެމްއެލްއެސްގެ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗުގައި އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗު 6-4 ގެ ނަތީޖާއަކުން ލިއޮނެލް މެސީގެ އިންޓަ މިއާމީން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު 4-4 އިން އެއްވަރުވެގެން ނިމުނުއިރު، މިއީ އެމްއެލްއެސްގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ ފުރަތަމަ ހާފެވެ. މުޅި މެޗުގައި ފެނުނު 10 ލަނޑާއެކު މިއީ ލީގު ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ފެނުނު މެޗެވެ. މި މެޗުގައި މިއާމީގެ ލުއިސް ސުއަރޭޒް ވަނީ ހެޓްރިކެއް ހަދައި، އޭނާގެ ކުރީގެ މޮޅު ކުޅުން ދައްކާލާފައެވެ. މީގެ އިތުރުން ޖާމަން ބާޓެރާމޭ ދެ ލަނޑު ޖެހިއިރު، ރޮޑްރިގޯ ޑި ޕޯލް ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ލިއޮނަލް މެސީ މި މެޗުގައި ލަނޑެއް ނުޖެހި ނަމަވެސް، ދެ އެސިސްޓް ހަދައި މިއާމީގެ ކުޅުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މެސީގެ އަނިޔާގެ ކަންބޮޑުވުން މެޗުގެ 73 ވަނަ މިނެޓުގައި މެސީގެ ވައަތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވިކަމުގެ ކަމުގެ އިހުސާސް ވެގެން އަމިއްލައަށް ދަނޑު ބޭރަށް އިޝާރާތްކޮށް ބަދަލުކޮށްދިނުމަށް އެދުމުން ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދުނެވެ. ވޯލްޑް ކަޕް ކައިރިވަމުން އަންނާތީ، މެސީއަށް ސީރިއަސް އަނިޔާއެއް ވެދާނެތީ ގިނަ ބަޔަކު ތިބީ ބިރުންނެއެވެ. ނަމަވެސް، މެސީގެ އެންމެ ފަހުގެ މެޑިކަލް ރިޕޯޓްތަކުން ލިބެނީ އުންމީދީ ޚަބަރެކެވެ. މެސީގެ އަނިޔާ ސީރިއަސް ނޫންކަމުގެ ޚަބަރެވެ. އާޖެންޓީނާގެ އިތުބާރު ނޫސްވެރިޔާ ގަސްޓަން އެޑުލް ރިޕޯޓްކޮށްފައިވާ ގޮތުގައި، މެސީއަށް އޭނާގެ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. މެޗުގެ ތެރެއިން އޭނާ ބަދަލުކުރީ ކުރިއަށް އޮތް މުބާރާތައް ވިސްނައިގެން ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ފައިގެ ފަލަމަސްގަނޑަށް މި އިހުސާސްވި ތަދަށް އިތުރަށް ރެސްޓެއް ދިނުމަށެވެ. މެސީއަށް އިހުސާސް ކުރެވުނީ ހަމައެކަނި ފަލަމަސްގަނޑު އަކުނިވަޔަށް ދަމައިގެން ވީ ދަތުގެ މައްސަލައެކެވެ. މާ ބުރަކޮށް އުޅުނީމައި މާބޮޑަށް ވަރުބަލިވީކަމަށް ރިޕޯޓްކޮށްފައިވެއެވެ. މެޗަށްފަހު ވާހަކަދައްކަމުން އިންޓަ މިއާމީގެ ކޯޗު ގިލާމޯ ހޯޔޯސް ބުނީ، މެސީ ބަދަލުކުރީ މެޗުގައި މާބޮޑަށް ބުރަކޮށް އުޅުމުން ވަރުބަލިކަން އިހުސާސް ކުރެވުމުން ކަމަށެވެ. އެއީ ސީރިއަސް އަނިޔާއެއް ވެގެން ނޫންކަމަށެވެ. "އަހަރެމެން މެސީ ދަނޑުން ބޭލީ ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރިސްކެއް ނުނަގަން ވެގެން," ކޯޗު ބުންޏެވެ. މި ޚަބަރާއެކު ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އެންމެންވެސް އިންތިޒާރު ކުރަމުންދަނީ މެޑިކަލް ރިޕޯޓްތަކުގެ ފައިނަލް ނަތީޖާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ