ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުން އޭސީ މިލާންގެ ކޯޗު މާސިމިލިއާނޯ އަލެގްރީ އާއި ސީއީއޯ އާއި ސްޕޯޓިން ޑިރެކްޓަރު އަދި ޓެކްނިކަލް ޑިރެކްޓަރު ވެސް އެއްފަހަރާ މަގާމުން ވަކިކޮށްފި އެވެ.
މިލާނަށް ގަދަ ހަތަރެއްގެ ޖާގަ ގެއްލުނީ ލީގުގެ ފަހު މެޗުގައި ކަލިއަރީ އަތުން ބަލިވުމުންނެވެ. މީގެ ކުރިން މިލާނާއި ޔުވެންޓަސްގައި ވެސް ކާމިޔާބު ހޯދި އަލެގްރީ މި ފަހަރު މިލާނާ އެކު ނިންމާލީ ފަސްވަނައިގަ އެވެ.
އެ ޓީމު ފަހަތަށް ޖައްސާލުމަށް ފަހު ހަތަރުވަނަ އަށް އެރީ ޒުވާން ކޯޗު ސެސް ފެބްރިގާސްގެ ކޯމޯ އެވެ. ކޯމޯ އާއި މިލާނާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.
އަލެގްރީ މިލާނުގެ ކޯޗުކަމަށް ދެވަނަ ފަހަރަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. އެކަމަކު 11 އަހަރަށް ފަހު އޭނާ އެނބުރި ކްލަބާ ގުޅުނަސް ކާމިޔާބު ތަކުރާރެއް ނުކުރެވުނެވެ.
މިލާންގެ މިލްކުވެރިކަން އޮންނަ އެމެރިކާގެ ރެޑްބާޑް ކުންފުނިން ވަނީ ކުރިމަތިވި ނާކާމިޔާބާ އެކު އަލެގްރީގެ އިތުރުން ކްލަބްގެ ސީއީއޯ ޖޯޖިއޯ ފުރްލާނީ އާއި ސްޕޯޓިން ޑިރެކްޓަރު އިގްލީ ޓާރޭ އާއި ޓެކްނިކަލް ޑިރެކްޓަރު ޖެފްރޭ މޮންކާޑާ މަގާމުން ވެސް ވަކިކޮށްފަ އެވެ.
އެ ތިން މީހުންގެ މަގާމު ގެއްލުނަސް، ކްލަބްގެ ސްޕެޝަލް އެޑްވައިޒަރު ޒްލަޓާން އިބްރަހިމޮވިޗަށް މަގާމު ސަލާމަތްވި އެވެ.
"ސީޒަނުގެ ފަހު މަރުހަލާ ފެނިގެންދިޔައީ އެ ހިސާބަށް ޓީމުން ދައްކަމުން އައި ކުޅުމާ މުޅިން އިދިކޮޅަށް. އަދި (އާދިއްތަ ދުވަހުގެ) ރޭ ކުޅުނު ފަހު މެޗުން ލިބުނު މާޔޫސީ ބައްޔާއެކު، މުޅި ސީޒަން މިވަނީ ކަނޑައެޅިގެން ބޮޑު ނާކާމިޔާބީއަކަށް ބަދަލުވެފައި،" ރެޑްބާޑްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިއީ ބަދަލުތަކެއް ގެނެސް ފުޓްބޯޅައިގެ ހުރިހާ އޮޕަރޭޝަންތަކެއް ފުރިހަމައަށް އަލުން ތަރުތީބުކުރަންވީ ވަގުތު. މިހިނދުން ފެށިގެން ސީއީއޯ ޖޯޖިއޯ ފުރްލާނީ، ސްޕޯޓިން ޑިރެކްޓަރު އިގްލީ ޓާރޭ، ހެޑް ކޯޗު މާސިމިލިއާނޯ އަލެގްރީ އަދި ޓެކްނިކަލް ޑިރެކްޓަރު ޖެފްރޭ މޮންކާޑާ އާއެކު ހަދާފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނެސް، އަހަރެމެންނާ އެކު (ގައި ކުރި މަސައްކަތުން މި ވަނ) ވަކިވެފަ."
އެ މަގާމުތަކަށް މީހުން އަލުން އައްޔަން ކުރުމަށް ރެޑްބާޑްގެ މެނޭޖިން ޕާޓްނަރު ޖެރީ ކާޑިނާލޭ، އެޑްވައިޒަރު ޒްލަޓާންއާ ގާތުން މަސައްކަތް ކުރާނެ އެވެ.
މިލާންގެ ވާދަވެރި ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ، އެ ކްލަބްގެ މަގާމުން ވަކިވެފަ އެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި މިލާންއާ ކޮންޓޭ ހަވާލުވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އޭނާ މީގެ ކުރިން ކޯޗުކޮށްދިނީ މިލާންގެ ވާދަވެރި އިންޓަ މިލާން އަދި ޔުވެންޓަސް އަށެވެ.
ކޯޗު އަލެގްރީ އާއި ސީއީއޯ އަދި ސްޕޯޓިން ޑިރެކްޓަރާއި ޓެކްނިކަލް ޑިރެކްޓަރު ވެސް މިލާނުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ