ވޯލްޑް ކަޕް 2026: ހަމޭސް އާއި ޑިއާޒް ހިމަނައިގެން ކޮލަމްބިއާގެ ސްކޮޑް އިއުލާނުކޮށްފި

ކުރިއަށް އޮތް ވޯލްޑް ކަޕަށް އެކުލަވައިލި ކޮލަމްބިއާގެ 26 ކުޅުންތެރިންގެ ސްކޮޑު ހޯމަ ދުވަހު އިއުލާންކޮށްފިއެވެ. ކޮލަމްބިއާގެ ގައުމީ ޓީމުގެ ކޯޗު ނެސްޓޯ ލޮރެންޒޯ، އެކުލަވައިލި މި ސްކޮޑުގައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ތަޖުރިބާކާރު މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އާއި ލިވަޕޫލްގެ ތަރި ލުއިސް ޑިއާޒްއެވެ. ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި ކޮލަމްބިއާ ހިމެނިފައިވާއިރު، އެ ޓީމުން ބައްދަލުކުރަން ޖެހޭނީ އުޒްބެކިސްތާން، ކޮންގޯ ޑީއާރު އަދި ޕޯޗުގަލްއާއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މެކްސިކޯ ސިޓީ، ގުއަޑަލަހާރާ އަދި މިއާމީގައެވެ. ކޮލަމްބިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮންމެބޯލް ތާވަލުގެ ތިންވަނަ މަގާމު ހޯދައިގެންނެވެ. އެއީ ކުޅުނު 18 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ކޮލިފައިން މަރުހަލާގައި ޑިއާޒް އާއި ރޮޑްރިގޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ލަނޑުގެ ތަފާތުން އުރުގުއޭ އަދި ބްރެޒިލްގެ މައްޗަށް ކުރިހޯދައި ކޮލަމްބިއާ ތާވަލުގެ ކުރިއަށް ޖައްސާލުމުގައި މި ދެ ކުޅުންތެރިންގެ އެހީތެރިކަން ލިބުނެވެ. މީގެ އިތުރުން 2024 ވަނަ އަހަރު މިއާމީގައި ބޭއްވި ކޮޕާ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ޓީމުގައި ވެސް މި ދެ ކުޅުންތެރިން ހިމެނުނެވެ. ހަމޭސް ރޮޑްރިގޭޒް ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މެއި 13 ވަނަ ދުވަހު އޭނާގެ ކްލަބް މިނެސޮޓާ ޔުނައިޓެޑް ދޫކޮށް ގައުމީ ޓީމުގެ ކޭމްޕާ ކުރިން ގުޅިފައެވެ. މީގެ ސަބަބުން އޭނާއަށް އެމްއެލްއެސްގެ ފަހު ދެ މެޗު ވަނީ ގެއްލިފައެވެ. ހަމޭސް ވަނީ މިނެސޮޓާ ޔުނައިޓެޑާއެކު 2026 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ކޮލަމްބިއާގެ 26 ކުޅުންތެރިންގެ ސްކޮޑު ގޯލްކީޕަރުން: ކެމިލޯ ވަރްގަސް، ޑޭވިޑް އޮސްޕީނާ އަދި އަލްވާރޯ މޮންޓޭރޯ ޑިފެންޑަރުން: ޖޯހަން މޮޖިކާ، ޑެއިވަރ މަޗާޑޯ، ޑެނިއަލް މުނޯޒް، ސަންޓިއާގޯ އަރިއަސް، ޑެވިންސަން ސަންޗޭޒް، ޖޯން ލުކުމީ، ޔެރީ މިނާ އަދި ވިލަރ ޑިއްޓާ މިޑްފީލްޑަރުން: ޖެފަސަން ލާމާ، ރިޗަޑް ރިއޯސް، ކެވިން ކަސްޓާނިއޯ، ޖޯޖް ކަރަސްކަލް، ހަމޭސް ރޮޑްރިގޭޒް، ހުއާން ފެނާންޑޯ ކިންޓޭރޯ، ގުސްޓާވޯ ޕުއެރްޓާ، ހުއާން ކެމިލޯ ޕޯޓިލާ، ޖޯން އަރިއަސް އަދި ޖަމިލްޓަން ކަމްޕާޒް ފޯވާޑުން: ކާލޯސް އެންޑްރޭސް ގޯމޭޒް، ލުއިސް ސުއަރޭޒް، ޖޯން ކޯޑޯބާ، ހުއާން ކެމިލޯ ހެނާންޑޭޒް އަދި ލުއިސް ޑިއާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ