ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގެ ރޭންކިން ބުރުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅެގެން ރާއްޖެ ބަލިވެއްޖެ އެވެ.
ރޭންކިން ބުރުގައި ކުޅެނީ ސެމީ ފައިނަލުން ފުރުސަތު ގެއްލުނު ހަތަރު ގައުމެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ރޭންކިން ބުރުގައި ކުޅެނީ ބަންގްލަދޭޝް އާއި ކިރްގިސްތާން އެވެ. ޕޫލް އޭގެ ތިން ވަނަ ހޯދި ކިރްގިސްތާނުން ވަނީ ޕޫލް ބީގެ ފުލުން ނިންމި ބަންގްލަދޭޝް އަތުން ރޭންކިން ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
ރޭންކިން ދެ ވަނަ މެޗުގައި ލަންކާ އިން ރާއްޖެ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުން ކިރްގިސްތާން، އިންޑިއާ އަދި ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވީ ސެޓެއް ނުލިބި އެވެ. ލަންކާ އިން މިއަދު ރާއްޖެ ބަލިކުރި މެޗުގައި ސެޓުތައް ގެންދިޔައީ، 25-17، 25-18 އަދި 25-13 އިންނެވެ.
ރޭންކިން ބުރާ ކުރިމަތިލިއިރު، ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ ރޭންކިންގައި، ރާއްޖެ އޮތީ، 69 ވަނައިގަ އެވެ. ލަންކާ އޮތީ 80 ވަނައިގަ އެވެ. ބަންގްލަދޭޝް 74 ވަަނައިގައި އޮތްއިރު، ކިރްގިސްތާން އޮތީ 68 ވަނައިގަ އެވެ. މިއަދުގެ މެޗުތަކަށް ފަހު، ރާއްޖެ 73 ވަަނައިގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 77 ވަނައިގަ އެވެ. އަދި، ލަންކާ 75 ވަނަ އަށް ޖެހިލިއިރު، ކިރްގިސްތާން ވަނީ 64 ވަަނަ އަށް ޖެހިލައިފަ އެވެ.
މާދަމާ ކުޅޭނީ ރޭންކިން ފަހު މެޗުތަކެވެ. އެ ގޮތުން، ލަންކާ އާއި ކިރްގިސްތާން ބައްދަލުކުރާއިރު، ރާއްޖޭން ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. ރާއްޖެ އާއި ބަންގްލަދޭޝް އަށް އަދި މި ފަހަރުގެ މުބާރާތުގައި މޮޅެއް ލިބިފައިނުވެ އެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ރޭންކިން ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ