އާއްމު މެންބަރުންގެ ޝަކުވާއަކީ އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް "ވަޅުޖެހިފަ އޮތުން": މީކާއީލް
އެމްޑީޕީގެ އާއްމު މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް "ވަޅުޖެހިފަ އޮތުން" ކަމަށާއި، އެކަން ބަދަލުކުރެއްވުމަށް ރަށްރަށުގެ އެމްޑީޕީ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން ޕާޓީގެ ގައުމީ މަޖިލީހުގައި ބަސް ކިޔަން ފުރުސަތު ދެއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. މީކާއީލްގެ 'އިތުބާރު' ކެމްޕެއިންގައި މިފަހުން ވަނީ އަތޮޅު ތެރެއަށް ދަތުރުކުރައްވައިފައެވެ. އެއަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިހާތަނަށް އެމްޑީޕީގެ އާއްމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް ލިބޭ އެއް ޝަކުވާއަކީ، އަތޮޅުތެރޭގައި އެމްޑީޕީގެ ހަރަކާތްތައް ވަޅުޖެހިފައި އޮންނަ އޮތުން ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި އެމްޑީޕީގައި ޒަމާނަށް ފެތޭ އޮނިގަނޑެއް އެކުލަވައިލަން މީކާއީލް ވަނީ ވައުދުވެވަޑައިގެންފައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ އާއްމު މެންބަރުންނާއި، ރަށްރަށުގައި ތިބޭ އާއްމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ އެމްޑީޕީ އިންތިޚާބީ ކައުންސިލަރުންނާއި، ޑަބްލިއުޑީސީގެ މެންބަރުން. އެހެންވީމަ އެބޭފުޅުންނަށް މި ޕާޓީގެ އެންމެ އިސް ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި ބަސް ކިޔުމުގެ ޖާގަ އޮތުމަކީ ކުރަން ކޮންމެހެން ލާޒިމު ކަމެއް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މީކާއީލް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ރަށްރަށުގެ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނަށް ބަސް ކިޔޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ނިންމުންތަކުގައި އެބޭފުޅުންނަށް ވޯޓު ވެސް ލެވޭނެ ކަމަށް މީކާއީލް ވިދާޅުވިއެވެ. ނަމަވެސް ކޮންމެ އަތޮޅަކުން ވަކި އަދަދެއްގެ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން ކަނޑައަޅަން ޖެހޭނެ ކަމަށް މީކާއީލް ވިދާޅުވިއެވެ. ސަބަބަކީ ހުރިހާ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނަށް އެ ފުރުސަތު ނުދެވޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ ޖޫން މަހުގެ 12 ގައި ބާއްވާ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި މީކާއިލާ ދެކޮޅަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވެސް މިހާރު ގެންދަވަނީ ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ބޮޑުއިރު، ނަޝީދާއި މީކާއީލް ވެސް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ