ކުނާލްގެ އުފަންދުވަސް ފާހަގަކުރަން މި އަހަރުވެސް ރާއްޖެއަށް
އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ކުނާލް ކެމޫ އާއި ސޯހާ އަލީ ޚާންގެ ދެމަފިރިން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ. ދަރިފުޅު އިނާޔާއާ އެކު ސޯހާގެ ދެމަފިރިން ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުގައި މި އަހަރުގެ ދަތުރަކީ އިއްޔެ އުމުރުން 43 އަހަރު ފުރުނު ކުނާލްގެ އުފަންދުވަސް ފާހަގަކުރުމަށް ކުރި ޚާއްސަ ދަތުރެކެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް މި ދެމަފިރިން އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު މިދިޔަ އަހަރު ރާއްޖެއަށް ކުރި ހާއްސަ ދަތުރަކީ ވެސް އެކްޓަރު ކުނާލްގެ އުފަންދުވަހާ ގުޅުވައިގެން ކުރި ދަތުރެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ސޯހާ އާއި ކުނާލް ޗުއްޓީ ހޭދަކޮށްފައި ވަނީ، ތ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ކޮމޯ މާލިފުށީގައެވެ. ކުނާލް އާއި ސޮހާ 'ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް'ގައި ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ/އިންސްޓަގްރާމް ސޯހާ އާއި ކުނާލް ވަނީ އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަ 'ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް'ގައި ނާގަފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އދ. އަތޮޅުގައި އޮންނަ މި ލަގްޒަރީ ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ދެ ތަރިން ވެސް ވަނީ ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިންޑިއާގެ ފިލްމީ ތަރިންގެ އެންމެ މަގުބޫލު އެއް މަންޒިލަށް ރާއްޖެ ވެފައިވާއިރު އެކި ސީޒަންތަކާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފިލްމީ ތަރިން އިތުރުވުމަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ރާއްޖެ އިޝްތިހާރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ