ބޮޑު އީދު ޗުއްޓީއަށް ސަރުކާރު ބަންދުކުރުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަތަައް ޖަމާކޮށް ނުދޭތީ ހިތްހަމަނުޖެހުން ބޮޑުވެފަ ވަނިކޮށް، މުސާރަތައް ޖަމާ ވާން ފަށާނީ މި ބުރާސްފަތި ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިކަމާ ގުޅިގެން ފިނޭންސުން ބަހެއް ބުނީ، މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން މީޑިއާތަކުން އެ މިނިސްޓްރީއާ ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އެ މިނިސްޓްރީން ބުނީ މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާވާނީ މި ހަފުތާ ނިމޭ ދުވަހާއި އަނެއް ހަފުތާ ފެށޭ ދުވަހު ކަމަށެވެ.
މި ހަފުތާ ނިމޭ ދުވަހަކީ އީދު ޗުއްޓީއަށް ބަންދުކޮށްފައިވާ ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާ ދުވަހެވެ. މިނިސްޓްރީން ބުނީ މި ދުވަސްތަކުގައި މުސާރަ ދޭ ގޮތަށް ތަރުތީބުކުރީ ވެސް ބޭންކު ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
ފިނޭންސުން މިހެން ބުނި ނަަމަވެސް އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މިނިސްޓްރީން ފުރަތަމަ މަސައްކަތް ކުރީ އީދަށް ބަންދު ކުރުމުގެ ކުރިން މުސާރަތައް ޖަމާކޮށްދިނުމަށެވެ. މިކަން ސަރުކާރުގެ އޮފީސްތަކާ މުއާމަލާތްކޮށް، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެލަވަންސްތައް ހެދުމަށް ފަހު ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހުރީ މުސާރަ ޝީޓުތަައް ވެސް ފިނޭންސަށް ފޮނުވާފަ އެވެ.
ސަރުކާރު ގިނަ މުވައްޒަފުންގެ މުސާރަތައް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ޖަމާކުރެ އެވެ.
މި ފަހަރު އެ ތާރީހަށް ޖަމާ ނުކުރެވޭނެތީ ފިނޭންސުން ވަނީ އެއީ ލާޒިމު ކަމެއް ނޫން ކަން އަންގަން، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި މުސާރަތައް ދޭން އޮންނަ ތާރީހު ހަނދާންކޮށްދީފަ އެވެ. އަދި އެ ގަވާއިދުގައި ކަނޑައެޅިފައި އޮންނަ ތާވަލާ އެއް ގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
"ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި،" ފިނޭންސުގެ އޮފިޝަލަކާ ހަވާލާދީ އެ މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުންޏެވެ.
އީދު ބަންދާ ގުޅިގެން މުސާރަތައް ދިނުން ލަސްވީ ކަމަށް ފިނޭންސުން ބުނާއިރު، ސަރުކާރުގެ މުވައްޒަފުން އިންތިހާއަށް އިތުރުވެ، މުސާރަ އާއި އިނާޔަތްތައް ދޭން ކުރާ ހަރަދު ވަނީ އެތައް ގުނައަކުން އިތުރުވެފަ އެވެ. އޭގެ އިތުރުން ޕޭ ހާމަނައިޒޭޝަންއާ އެކީ، ކުރިން ތިބި މުވައްޒަފުންނަށް ކުރާ ހަަރަދު ވެސް ވަނީ އިތުރުވެފަ އެވެ.
ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، މުސާރަ އާއި އުޖޫރަ އާއި ޕެންޝަން ދިނުމަށް ދައުލަތުގެ ބަޖެޓުން ވަނީ 5.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބުރާސްފަތި ދުވަހު ޖަމާކުރަން ފަށާނެ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ