މިމަހުގެ ތެރޭގައި މާލެ ސަރަހައްދުން 6 މީހުން ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ހިމަބިއްސަކީ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ފާހަގަވެފައިވަނީ ކޮވިޑާއި އެބޯލާ، ޓީބީއާއި ފުލޫފަދަ ބަލިތަކަށްވުރެވެސް ހަލުވިކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައެވެ. މިދުވަސްވަރަކީ، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 9 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިމަހުގެ ތެރޭގައި މާލޭ ސަރަޙައްދުން 6 މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެތެރެއިން 5 ކޭހެއް އިންވެސްޓިގޭޓް ކުރަމުންދާ ކަމަށާއި، މިކޭސްތަކާއި ގުޅުންހުރި 128 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ.
އެޗްޕީއޭއިން ވަނީ، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިޔުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތައް ފެނުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެގޮތުން އާންމުކޮށް އަމަލުކުރާ އުސޫލުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި، ބައްޔަށް ޕޮޒިޓިވްވީ މީހުންނާއި ދިމާވި ކޮންޓެކްޓުންނަށް ވެކްސިންދިނުން ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ، ހުން އައުމާއެކު ހަމުގައި ރަތްބިހިތަކެއް ނެގުމެވެ. މީގެއިތުރުން ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. އެހެންކަމުން އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެންވަނީ، ވެކްސިންދޭން ފަށާފައެވެ. މިމަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ރާއްޖެއަކީ، ހިމަބިހި ނައްތާލާފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިންގެ ކެމްޕޭނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިމަހު މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހީގެ 6 ކޭސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ