ތަގުވާވެރިވުމަށާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.
މަސްޖިދުއްނަބަވީގެ އިމާމް އަދި ހަތީބު ޝައިހް އަލީ އަލްހުޒައިފީ، މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ހުތުބާގައި ހައްޖަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަން ހަނދާންކޮށްދެއްވައި، الله އަށް ކިޔަމަންތެރިވެ ތަގުވާވެރިވުމަށް ހައްޖުވެރިންނަށް ގޮވާލެއްވިއެވެ.
ހުތުބާގައި ޝައިހް އަލްހުޒައިފީ ވަނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާންކޮށްދެއްވައި، އާހިރަތް ދުވަހަށް ތައްޔާރުވުމަށް ގޮވާލައްވައިފައެވެ. އާހިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ހެޔޮ އަމަލުތައް ކުރުމާއި، ކެތްތެރިވުމާއި، ޝުކުރުވެރިވުމުގެ އިތުރުން ފާފަތަކުން ދުރުހެލިވުމާ ކަމުގައި ވިދާޅުވިއެވެ. އިސްލާމްދީނުގެ ބިންގަލަކީ ތައުހީދުކަން ފާހަގަކުރައްވައި، އެއްވެސް ޝަރީކަކު ނުލައި ހަމައެކަނި الله އަށް އަޅުކަންކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ނަމާދާއި، ޒަކާތާއި، ރޯދައާއި، ހައްޖުގެ އަޅުކަމުގައި އިހުލާސްތެރިވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި އަމަލުތައް ބަހައްޓަންވީ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ދެބަސްވުންތަކާއި، ތޮއްޖެހުމާއި، ސިޔާސީ ޝިއާރުތައް ފާޅުކުރުން ފަދަ ބައިބައިވުން އުފެދޭ ކަންކަމުން ދުރުހެލިވުމަށް އިމާމް ގޮވާލެއްވިއެވެ. ހައްޖަކީ މަޑުމައިތިރިކަމާއި، ޒިކުރުކުރުމާއި، އެއްބައިވަންތަކަމުގެ މައިދާނެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ޝައިހް އަލްހުޒައިފީ ވަނީ ހައްޖުވެރިންގެ އަޅުކަން ގަބޫލުކުރައްވައި، ފާފަތައް ފުއްސެވުން އެދި ހާއްސަ ދުއާއެއް ކުރައްވައިފައެވެ. އަދި މުޅި އިސްލާމީ އުއްމަތުގެ ސަލާމަތާއި އެއްބައިވަންތަކަމަށް އެދި ދުއާކުރެއްވިއެވެ.
އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް ހައްޖު ހުތުބާގައި ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ