ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރިސް ކުރަމެވެ. ހަމައެއާއެކު، މި ތަހުނިޔާގައި މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ވަޑައިގެންނެވި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންވެސް ޝާމިލުކުރަމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހައި މުސްލިމް އަޚުންނަށާއި އުޚުތުންނަށާއި އަދި މުޅި އިސްލާމީ އުންމަތަށްވެސް މި އުފާވެރި ޢީދުގެ މުނާސަބަތުގައި ތަހުނިޔާ ރައްދުކުރަމެވެ.
އަޟްޙާ ޢީދަކީ، މާތްﷲ ވަރަށް މުހިއްމު ޢިބްރަތްތަކެއް އަދި ޙިކުމަތްތަކެއް އެކަމުގައި ލައްވައިފައިވާ ޢީދެކެވެ. އަޟްޙާ ޢީދަކީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެކެވެ. މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒެވެ. އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަމެވެ. ހަމައެއާއެކު، މިއީ، މަޢާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުމެވެ. މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި ޢާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވައްސެވެ.
މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން އަޅުގަނޑުމެން ހަނދާން ކުރަން ޖެހެއެވެ. މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެކެވެ. ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުމެވެ.
އެހެންކަމުން، ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅު ކުރައްވަމުން ގެންދަވާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ، މި ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުމެވެ. މި ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިޔުމެވެ. މި ލޮބުވެތި ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓެވުމެވެ. އާމީން.
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ