އަންނަ މަހު ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަށް އެކުލަވާލި ރާއްޖޭގެ ގައުމީ ސްކޮޑުން، ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ) ބާކީކޮށްފިއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްޓަވާން އުރުބާނީ ވަނީ، މި ދެ ކުޅުންތެރިންނަށް ވެސް ޓީމުން މިހާތަނަށް ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިނުވާކަން ހާމަކޮށްފައެވެ. އެ ދެކުޅުންތެރިން ވެސް ފަރިތަކުތުންތަކުގައި ބައިވެރިނުވީ، ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުންކަމަށް ކޯޗު އުރުބާނީ ބުންޏެވެ.
އުރުބާނީ ހާމަކުރި ގޮތުގައި މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވެފައި ވަނީ ފުޓުބޯޅަ ސީޒަނަށްފަހު ކުޅުނު މުބާރާތްތަކެއްގެ ތެރެއިންނެވެ.
"ރަށެއްގައި ބޭއްވި މުބާރާތަކަށްފަހު އަހަރުމެންނަށް ފަރިތަކުރުންތައް މި ފެށުނީ. ދެތިން ކުޅުންތެރިން އެނބުރި އައީ އަނިޔާތަކަކާ އެކު. ނޫނިއްޔާ އޯވަލޯޑްވެގެން ކޮންމެވެސް ވަރަކަށް. ހިތާމަހުރި ކަމަކީ އަދިވެސް ސަމޫހާއި އިރުފާނަށް އަނިޔާގެ ސަބަބުން ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭތީ. މިހާތަނަށް އައި އިރު އެ ދެ ކުޅުންތެރިން މިތިބީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅޭ ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި. އެ ދެ ކުޅުންތެރިން ރިޕްލޭސްކުރުން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށް. ބަދަލުތަކެއް ގެންނަން ޖެހިފައި މިވަނީ". މުހިންމު ދެ ކުޅުންތެރިއަކަށް މުބާރާތުގައި ނުކުޅެވޭތީ ކަންބޮޑުވުން ފާޅުކޮށް އުރުބާނީ ބުންޏެވެ.
މުބާރާތް ފެށެން ހަފްތާއެއްހައި ދުވަހަށް ވެފައިވާއިރު ވެސް އެ ދެ ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމުން އަދި އަނިޔާއިން މުޅިން ރަނގަޅުވެސް ނުވާތީއާއެކު، ކުރިއަށް އޮތް މުބާރާތުގައި އެ ދެ ކުޅުންތެރިން ނުފެންނާނެކަމަށް އުރުބާނީ ބުންޏެވެ.
"އެ ދެ ކުޅުންތެރިން ސްކޮޑުގައި ނުހިމެނޭނެ މި މުބާރާތުގައެއް. އުއްމީދުކުރަނީ މި މުބާރާތަށްފަހު އެނބުރި އެ ދެކުޅުންތެރިން އަންނާނީ ވަރަށް ބޮޑު މޯޓިވޭޝަނަކާ އެކުގައި ކަމަށް. އެއީ ވަރަށް މުހިންމު، ވަރަށް ރަނގަަޅު ދެ ކުޅުންތެރިން. އަހަރެން ގަވައިދުން ވާހަކަދައްކާ ދެ ކުޅުންތެރިން އެއީ. އެކަމަކު މިފަހަރު ހަމަ ގައިމުވެސް ސްކޮޑުގައި ނުހިމެނޭނެ". އިރުފާނާއި ސަމޫޙަށް ސްކޮޑުން ފުރުސަތު ނެތްކަން ހާމަކޮށް އުރުބާނީ ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ބައެއް ރަށްރަށުގައި ކުޅެންޖެހުނު މުބާރާތްތަކާ ގުޅިގެން، ފުރިހަމަ ސްކޮޑަކާއެކު ޤައުމީ ޓީމުން ފުރަތަމަ ފަރިތަކުރުންތައް ފަށަން ތާވަލުކުރި ދުވަހަށްވުރެ ފަރިތަކުރުންތައް ފެށޭގޮތްވީ ލަހުންނެވެ. ބައެއް ރަށްރަށުގެ ކައުންސިލުން ވަނީ، އެ ރަށްރަށުގެ މުބާރާތް ނިމެންދެން ޤައުމީ ޓީމުގެ ފަރިތަކުރުން ލަސްކޮށްދިނުމަށް އެދި ސިޓީ ވެސް ފޮނުވާފައެވެ.
އިރުފާނާއި ސަމޫހްގެ އިތުރުން އެހެން ބައެއް ކުޅުންތެރިންނަށް ވެސް ފަރިތަކުރުންތަކުގެ ފުރަތަމަ ދުވަސްތަކުގައި ފުރިހަމަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ޤައުމީ ޓީމުން ތައްޔާރުވަމުންދާ ޑައިމަންޑް ޖުބިލީ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ މާލޭގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރގެ ހައިސިއްޔަތުން މި މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމް އިން ވަގުތުން ގެނެސްދޭނެއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ސަމޫޙާއި އިރުފާން ނުފެންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ