އިއްޔެ އެންމެ ގިނައިން ވާރެވެހުނީ، މާމިގިއްޔާއި ހަނިމާދުއަށް

އިއްޔެ އެންމެ ގިނައިން ވާރެ ވެހުނީ، ހދ. ހަނިމާދުއާއި އދ. މާމިގިއްޔަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. އިއްޔެ ހެނދުނު 08:00 އިން މިއަދުގެ 08:00އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކުގެ ތަފުސީލުތައް މެޓުން ވަނީ އާންމުކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، އެންމެ ގިނައިން ވާރޭވެހުނު މާމިގިއްޔަށް 36 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ހަނިމާދޫއަށް 35.3 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުގެ ހިސާބުތަކުން ދައްކައެވެ. އޭގެއިތުރަށް، އއ. ހިމަންދުއަށް 29.6 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވާއިރު، އދ. މަހިބަދުއަށް ވަނީ، 25.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ބޯ ވިއްސާރަޔާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިއަދުގެ މޫސުމަށް ބަލާއިރު، އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ. ނަމަވެސް، ދެކުނުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އެއާއެކު، މެޓުން ބުނީ، އުތުރާއި މެދުރާއްޖެ ތެރެއަށް ވައި ޖެހެނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އެ އިދާރާއިން އިތުރަށް ބުނީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެ ކަމަށެވެ. އެއާ ޚިލާފަށް، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން އަންދާޒާކުރެއެވެ. މާދަމާއަކީ މި އަހަރުގެ އަޟުހާ އީދު ކަމަށްވާއިރު، އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އަންނަނީ އެކި ސަރަހައްދުތަކުގައި ތައްޔާރުވަމުންނެވެ. އެހެންވެ، އެ މަންޒަރުތައް ބަލައިލުމަށް ދަތުރުކުރަމުން އަންނަ މީހުން ވެސް މަދެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ