މަހުމޫދުގެ މަރު: ސާލިމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ, ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށް، އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު މަރާލި މައްސަލައިގައި ސާލިމް މަރަން ކޮށްފައިވާ ހުކުމް ނިހާއީ ކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގައެވެ. މި މައްސަލައިގައި ސާލިމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 2022 ވަނަ އަހަރުގެ ފެބްރުއަރީގައެވެ. މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި މައްސަލަ ހައިކޯޓުން ނިންމީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޮކްޓޫބަރު 2021 ގައި ދަނގެތީ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީގެން މަހްމޫދު މަރާލުމަށް ފަހު ވަޅެއްގެ ތެރެއަށް ވައްޓާލި މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައިވަނީ ސާލިމް ދަށު ކޯޓުގައި ވެފައިވާ އިއުތިރާފާއި ދެން ހުރި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި މަހްމޫދުގެ ވާރިސުން ބޭނުންވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ސާލިމްގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށްވާތީ، އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ހައިކޯޓުން އެ ހުކުމް ކުރީ މައްސަލަ ބެލި ބެންޗުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ސާލިމްގެ މަރު ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، ސާލިމް ތަހުގީގާއި ދަށު ކޯޓުގައި ކުށަށް އިއުތިރާފްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް އޭގެފަހުން ހައި ކޯޓުގައި އޭނާ އަނެއްކާވެސް އެދުނީ އޭނާގެ މަރުގެ ހުކުމް ދެމެހެއްޓުމަށެވެ. މަރުގެ އަދަބަކީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަދަބު ކަމަށްވެފައި، އެ އަދަބު ތަންފީޒު ކުރުމަށްފަހު އަނބުރާ ރުޖޫއަ ނުކުރެވޭނެތީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި މަރުގެ ހުކުމެއް ނިހާއީ ހުކުމަކަށް ވާންޖެހޭ މުހިންމު ސަބަބުތަކެއްވެއެވެ. އެގޮތުން، އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި އިސްތިއުނާފުގެ ހައްގު ފުރިހަމަކުރެވިފައިވޭތޯއާއި، އިސްލާމީ ޝަރީއަތުގެ އުސޫލުތައް ނެގެހެއްޓިތޯ ދައުލަތުން ކަށަވަރުކުރާނެއެވެ. އެއީ، ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާގޮތުން، މީހަކު މަރަން ކުރާ ހުކުމެއް އެ މީހަކު އިސްތިއުނާފު ނުކުރި ކަމުގައިވިޔަސް، ދައުލަތުން އެ މައްސަލަ މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހަޅައިގެން އެއީ ސައްހަ ހުކުމެއްކަން ކަށަވަރު ކުރަންޖެހޭ ގޮތަށް އޮންނާތީއެވެ. ނަމަވެސް 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒެއް ނުކުރެއެވެ. އެފަދަ ކުށްތައް ސާބިތުވާ މީހުން ބައިތިއްބަނީ އުމުރަށް ޖަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ