ވޯލްޑްކަޕް ވޯލްޑްކަޕް ވަރުގަދަ ފްރާންސް ހުއްޓުމަކަށް، މޮޅު ކުޅުމަކާއެކު ސްޕެއިން ފައިނަލަށް

ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް، ސްޕެއިނުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ވަރުގަދަ ފްރާންސް އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިންގެ ރަސްމީ ކުޅުން ފެނިފައިވާ އިރު، ފްރާންސުން ދިޔައީ ޕްރެސް ކުރުމަށް މަސައްކަތްކުރަމުންނެވެ. ދެ ޓީމަށް ވެސް ހާފުގެ ކުރީކޮޅުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސްޕެއިނަށް ލީޑު ހޯދައިދިނީ މިކެލް އޮޔާޒަބާލްއެވެ. ސްޕެއިނަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޕެނަލްޓީ އޭރިއާ ތެރެއިން ލަމީން ޔަމާލަށް ފްރާންސް ޑިފެންޑަރު ލޫކަސް ޑީން ފައުލްކުރުމާ ގުޅިގެންނެވެ.
އެ ގޯލަށްފަހު ފްރާންސުން މަސައްކަތްތަކެއް ކުރި ނަމަވެސް، ސްޕެއިނުން މަސައްކަތްކުރީ ޑިފެންސަށް ވިސްނުމުގެ އިތުރުން އެޓީމުގެ ކުޅުން ދެމެހެއްޓުމަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ފްރާންސުން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، ސްޕެއިނުން ވަނީ މެޗުގެ 58 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޑެނީ އޮލްމޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕެޑްރޯ ޕޮރޯއެވެ
އެ ގޯލަށްފަހު ވެސް ސްޕެއިންގެ ފަރާތުން އެޓީމުގެ ކުޅުމަށް ހުއްޓުމެއް އައިސްފައިނުވާ އިރު، ފްރާންސުން ވެސް ވަނީ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭގެ ހަމަލާއަކާއި މެޗު ނިމެނިކޮށް އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ފެނިގެންދިޔައެވެ. އެ ހުރިހާ ހަމަލާއެއް ވެސް ސްޕެއިން ކީޕަރު އުނައި ސިމޮން އާއި ސްޕެއިންގެ ޑިފެންސުން ވަނީ ހުއްޓުވައިފައެވެ.
ސްޕެއިނުން ފައިނަލުގައި ނުކުންނަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ރޭ 12:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ