އާލިންޓަން (ޖުލައި 15) - ފްރާންސް 2-0 އިން ބަލި ކޮށް ސްޕެއިން ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިރޭގެ މެޗުގައި ސްޕެއިން ފުރަތަމަ ހާފުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ލޫކާ ޑީން ހޫރާލި ފައި ބޯޅައިގައި ނުޖެހި ލަމީން ޔަމާލް ގައިގައި ޖެހުމުން ލިބުނު ޕެނަލްޓި ކާމިޔާބު ކޮށްދިނީ މިކެލް އޮޔާޒަބާލް އެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ޖެހި ފަސްވަނަ ގޯލެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާ ވެގެން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.
ފަހު ހާފުގައި މެޗުގެ 58 ވަނަ މިނިޓުގައި ސްޕެއިންގެ ދެވަަނަ ގޯލު، ޑެނީ އޮލްމޯ އާއެކު ތަނަވަސް ކުރި ފުރުސަތަކުން ޖެހީ ޕެޑްރޯ ޕޯރޯ އެވެ. އެއަށް ފަހު ލަމީން ޔަމާލް ގޯލެއް ޖެހި ނަމަވެސް ލައިންސްމަން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ފްރާންސްގެ ފޯވާޑުންނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު މި މެޗުގެ ފަހު ވަގުތު އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާތަކެއް ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ ދިފާއު ކޮށްފަ އެވެ. މިއީ ފްރާންސަށް މި އަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ނުޖެހުނު ހަމައެކަނި މެޗެވެ.
މިއީ ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަހަރު، 2010 ގައި ވަނީ، 2008 ގެ ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއަށް ފަހުން އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖާ ހަމައިން ނިންމާލި އިރު، އެންމެ ފަހުން އޮތް ދެ މުބާރާތް ނިންމާލީ ގަދަ 16 އާ ހަމައިންނެވެ.
މި އަހަރު ސްޕެއިން މި ވަނީ، އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ފްރާންސް ވަނީ ވާދަ ކޮށްފަ އެވެ. މީގެ ތެރެއިން 2018 ވަނަ އަހަރު އެ ޓީމު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި އަހަރުގެ ފައިނަލްގައި ސްޕެއިން ނުކުންނާނީ އިންގްލެންޑާއި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
ފްރާންސް ރޮއްވާލައި ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ