ބެއިޖިންގެ އިމާރާތުގައި މަތިންދާބޯޓު ޖެހި އެކަކު މަރުވި، 13 މީހުންނަށް އަނިޔާވި

ޗައިނާގެ ވެރިރަށް ބެއިޖިންގެ ޗައޯޔަންގް ޑިސްޓްރިކްޓްގައި ހުރި އުސް އިމާރާތެއްގައި ހުކުރު ދުވަހު ކުޑަ މަތިންދާބޯޓެއް ޖެހި ހިނގި ހާދިސާގައި އެކަކު މަރުވެ، 13 މީހަކަށް އަނިޔާވެއްޖެ އެވެ.
ޗައޯޔަންގް ޑިސްޓްރިކްޓްގެ ސަރުކާރުން މިކަން ހާމަކުރީ އެ އިދާރާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް ބޭނުންވާ ފުރިހަމަ ސިއްހީ ފަރުވާ މިހާރު ދެމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން، ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
"ސީއައިޓީއައިސީ ޓަވަރު" ނުވަތަ "ޗައިނާ ޒުން" ގެ ނަމުން މަޝްހޫރުވެފައިވާ މި އިމާރާތަކީ ބެއިޖިންގެ މަރުކަޒީ ވިޔަފާރި ސަރަހައްދުގައި ހުންނަ 108 ބުރީގެ އުސް އިމާރާތެކެވެ. މިއީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސީއައިޓީއައިސީ ގްރޫޕްގެ މައި މަރުކަޒު ވެސް މެއެވެ.
މި އެކްސިޑެންޓުގެ ސަބަބުން އެ އިމާރާތުގެ މަތީ ބުރިއެއްގެ ދެ ބިއްލޫރިގަނޑަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެ ސަރަހައްދުން ރޮއިޓާޒްއަށް މައުލޫމާތު ދިން މީހުން ބުނީ ހުކުރު ދުވަހު ބެއިޖިން ގަޑިން ހަވީރު 6:00 ހާއިރު ބޯޓު އިމާރާތުގައި ޖެހި ބާރު އަޑެއް އިވުނު ކަމަށެވެ.
ހުކުރު ދުވަހު މި ހާދިސާއާ ގުޅޭގޮތުން ޗައިނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މައުލޫމާތުތައް ވަނީ ވަރަށް އަވަހަށް ފޮހެލާފަ އެވެ. ޗައިނާގެ "ޝިއާއޯހޮންގްޝޫ" ނުވަތަ ރެޑް ނޯޓް އެޕްލިކޭޝަނުން އެ އިމާރާތުގެ ނަމުން ސާޗް ކުރުމުން ފެންނަން ހުރީ ހަމައެކަނި ބުރާސްފަތި ދުވަހާ ހަމައަށް ހުރި ޕޯސްޓުތަކެވެ.
މިއީ ގަސްތުގައި ރާވައިގެން ދިން ހަމަލާއެއް ކަމެއް ނުވަތަ އެކްސިޑެންޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބެއިޖިންގެ އެ ހިސާބުގެ ވައިގެ ސަރަހައްދަކީ އާންމުކޮށް އުދުހުން ވަރަށް ބޮޑަށް މަނާކޮށްފައިވާ ސަރަހައްދެކެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި، އޭނާއަށް ވެސް އެ ބާރު އަޑު އިވުނެވެ. އަދި އެ ސަރަހައްދުގެ މަތިން ބޯޓެއް އުދުހުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ