ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ، ރަށްތަކުގެ ތަރައްޤީއަށް މަގުފަހިކޮށްދީ، އާ ފުރުޞަތުތައް އުފައްދައިދޭ އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް އެފަރާތްތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ”މޯލްޑިވްސް 2.0“ ގެ ދަށުން، މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އުމްރާނީ ތަރައްޤީގެ އިތުރުން ދުނިޔޭގެ ބާޒާރުތަކަށް ދިވެހި ވިޔަފާރިތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަގާފީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި، ”ކްރިއޭޓަރ ހަބް“ އާއި، ކުދި ވިޔަފާރިތަކަށް ޚާއްޞަ ޑިޖިޓަލް ފައިނޭންސިންގ ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އަދި އަލީބާބާ އަދި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމުގެ މަގު ފަހިކޮށްދިނުމަކީ، ކުރިއެރުމާއި ކާމިޔާބީއަށްޓަކައި ސަރުކާރުން ހުޅުވައިދޭ ދޮރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ވަރަށް ސާފު އަމާޒެކެވެ. އެއީ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފުރުޞަތުތައް ލިބިދިނުމެވެ. ޚާއްޞަކޮށް 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަކުރެވިފައިވާ އަހަރުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ކޮންމެ ވިޔަފާރިވެރިއަކަށްވެސް ބޭނުންވާ އެހީތެރިކަން ލިބި، ކުރިއަރައިދެވޭނެ ފަދަ ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ