ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕްގެ ޓްރޮފީ ޒުގްޒުވާންގުން އުފުލާލައިފި
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން އިންތިޒާމު ކޮށްގެން ބޭއްވި "ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބުން ޓްރޮފީ އުފުލާލައިފިއެވެ. ޖުމްލަ 17 ޓީމަކާއެކު މި މަހުގެ 17 އިން 25 ގެ ނިޔަލަށް ހުޅުމާލޭގެ ޗެސް އާކޭޑްގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ މުބާރާތް ނިމެން އެއްބުރު ބާކީ އޮއްވައި ބޮޑު ތަފާތަކާއެކުއެވެ. މުބާރާތުގެ ދެވަނަ ހޯދި ކުލަބު ޑަބަލް އެއިޓާއި ތިންވަނަ ހޯދި ކާސަލް ޗެސް ކުލަބް އެންޑް އެކަޑަމީއަށް ވެސް ވަނީ މި ރަސްމިއްޔާތުގައި އިނާމު ދީފައެވެ. ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބް -- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ ޒުގްޒުވާންގް ޓީމުގައި ތަފާތަކަށް ފެނުނީ އިންޑިއާގެ ގްރޭންޑް މާސްޓާއެއް މި ޓީމުގައި ހިމެނުމެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކްލަބުން ވަނީ އިންޑިއާގެ ގްރޭންޑް މާސްޓާ (ޖީއެމް) ހަރިކްރިޝްނާގެ އިތުރުން އިންޓަނޭޝަނަލް މާސްޓާ (އައިއެމް) މުތައްޔާ މި މުބާރާތަށް ގެނެސްފައެވެ. ގްރޭންޑް މާސްޓާއަކީ ރާޒުވާގެ ދުނިޔޭގައި ކުޅުންތެރިއަކަށް ހާސިލުކުރެވޭނެ އެންމެ މަތީ ޝަރަފުވެރި ލަގަބެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވެސް މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. އެއްވަނަ ހޯދި ޓީމާ ބޮޑު ފަރަގެއް އޮތް ކަމުގައިވީ ނަމަވެސް ދެވަނަ ހޯދި ކުލަބް ޑަބަލް އެއިޓް ޓީމުގައި ތިބި ގައުމީ ފެންވަރުގެ ކުޅުންތެރިން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު މުޙައްމަދު ޢަބްދުލް ސައްތާރު ވާހަކަފުޅުދައްކަވަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ ހުޅުމާލޭ ޗެސް އާކޭޑްގައި ބޭއްވި މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމް ސެވަން ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ސައްތާރެވެ. ވަނަވަނައަށް ހޮވުނު ޓީމުތަކަށް އިނާމު ދިނުމުގެ ކުރިން ވާހަކަދައްކަވަމުން މުޙައްމަދު ޢަބްދުލް ސައްތާރު ވަނީ ކުޑައިރުން ފެށިގެން ރާޒުވާއަށް އޮތް ޝައުގު ފާހަގަކުރައްވާފައެވެ. "އަޅުގަނޑަކީ ކުޑައިރުއްސުރެ ރާޒުވާ ކުޅޭ މައިދާންތައް ބަލައި، އެ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއް. އަދި 2008 ވަނަ އަހަރު އެސޯސިއޭޝަން އުފެދި، ގައުމީ ފެންވަރެއްގައި ހަރަކާތްތައް ހިންގަން ފެށުމަކީ މި ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" މުޙައްމަދު އަބްދުލް ސައްތާރު ފާހަގަކުރެއްވިއެވެ. ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބުގެ ގްރޭންޑް މާސްޓާއަށް، ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޝާތިއު އަބްދުﷲ މީގެ އިތުރުން ސައްތާރު ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ރާޒުވާ ބޯޑުތައް ފަސޭހައިން ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ، މާބޮޑު ޚަރަދެއް ނުހިނގި ނަމަވެސް، ކުޅިވަރު ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި ރާޒުވާގެ ސަބަބުން ކުދިންގެ ވިސްނުމާއި ސިކުނޑި ތަރައްގީވެ، އެއްބައިވަންތަކަން އިތުރުވެގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ސައްތާރުގެ އުންމީދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މި ކުޅިވަރަށް މިއަށްވުރެ ބޮޑަށް ސަމާލުކަން ދޭނެ ދުވަހެއް ފެނުމެވެ. މިހާރުވެސް މި ކުޅިވަރުގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަކުރައްވައި ވިދާޅުވީ ގައުމީ ފެންވަރުގައްޔާއި އަވަށްޓެރި ގައުމުތަކުގެ ކުޅުންތެރިންނާ އެކި ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބެން ޖެހޭނެ ކަމަށެވެ. ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ދެވަނަ ހޯދި ޑަބަލް އެއިޓްގެ ޓީމުގެ ބައެއް ކުޅުންތެރިން -- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ އަދި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ރަނގަޅަށް ހިންގައި، ހުނަރުތައް ތަރައްގީކޮށް، ފައިތިލަ ސާބިތުކޮށްފައިވާ އެސޯސިއޭޝަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އެ އެސޯސިއޭޝަންގެ ރަޖިސްޓްރީ ކްލަބްތަކާއި އޮފީސްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ފޯރިގަދަ މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ