ސައްތައިން ސައްތަ ރެކޯޑަކާއެކު އާޖެންޓީނާއިން ގްރޫޕް ސްޓޭޖް ނިންމާލިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ލިއޮނަލް މެސީ އަނެއްކާވެސް އިތުރު ރެކޯޑެއް ހަދައިފި އެވެ.
މިއަދު ހެނދުނު ޑަލަސްގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުމެ އާޖެންޓީނާއިން ވަނީ ފަސޭހަކަމާއެކު 3 - 1 ން ޖޯޑަން ބަލިކޮށްފަ އެވެ. ގްރޫޕް ޖޭގެ އެއްވަނަ އާޖެންޓީނާއަށް ޔަގީންވެފައި އޮތުމުން މެނޭޖަރު ލިއޮނަލް ސްކަލޯނީ މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި މެސީ ނުހިމަނަ އެވެ.
އެހެންނަމަވެސް 60 ވަނަ މިނެޓުގައި އެތައް ސަޕޯޓަރުންނެއްގެ ތަރުހީބުގެ ކުރިމަތީގައި މެސީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުމާ ބައިވެރިވި އެވެ. އަދި މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ހިލޭ ޖެހުމަކުން އޭނާ ވަނީ އާޖެންޓީނާއަށް ލަނޑުވެސް ޖަހައިދީފަ އެވެ.
މިއީ މިއަހަރުގެ މުބާރާތުގައި މިހާރު އާޖެންޓީނާއަށް މެސީ ޖަހައިދިން 6 ވަނަ ލަނޑެވެ. މިލަނޑާއެކު ގޯލްޑަން ބޫޓަށް ކުރާ ވާދައިގައި އެންމެ ގާތުގައި އޮތް ކުޅުންތެރިންނާ 2 ލަނޑުގެ ފަރަގެއް މެސީ މިވަނީ ނަގާފަ އެވެ. އަދި މިއީ ވޯލްޑްކަޕުގެ ތާރީހުގައި ރެކޯޑް 19 ވަނަ ލަނޑެވެ. މެސީ ވަނީ ޖަރުމަނުގެ ކްލޯސާ 16 ލަނޑު ޖަހައިގެން ވޯލްޑްކަޕުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދުމަށް ހެދި ރެކޯޑް ވެސް މުގުރާލާފަ އެވެ.
މިއާއެކު ކުރީގެ ބާސެލޯނާގެ ފޯވާޑް ވެގެން ގޮސްފައި މިވަނީ ޖެހިޖެހިގެން 7 ވޯލްޑްކަޕު މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ބީބީސީ ވަންއަށް ދިން އިންޓަވިއުއެއްގައި ކުރީގެ އިންގްލެންޑް މިޑްފީލްޑަރު ބުނެފައިވަނީ ހައިރާންވާ ކަމަށެވެ. އަދި މެސީ އަކީ މެޗުތައް ބަދަލުކޮށްލާ ކުޅުންތެރިޔެއް ކަމަށެވެ.
އަދި އިތުރަށް އޭނާ ބުނީ މެސީ އަކީ ވަރަށް އުޖާލާ، ވިސްނުންތޫނު ކުޅުންތެރިޔެއް ކަމަށާއި އޭނާގެ ވަށައިގެން ހިނގާ ކަންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އަދި މެސީ ކުޅޭތަން ބަލާލަން ލިބުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ކަމަށެވެ.
މިއަދުގެ މެޗުގައި ފުރަތަމަ އާޖެންޓީނާއަށް ލީޑު ނަގައިދިނީ ކުރިން ޓޮޓެންހަމަށް ކުޅުނު މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އެވެ. ހިލޭޖެހުމަކުން ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ރީތި ލަނޑެއް އޭނާ ޖަހައިދިންއިރު އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ޕެނަލްޓީއަކުން އެޓީމަށް ލީީޑު ފުޅާކޮށްދިނެވެ.
އާޖެންޓީނާ ކޮންޓްރޯލްގައި އޮއްވާ ރީތި ވަރުގަދަ ކުޅުމެއް ކުޅެ ދެވަނަ ހާފު ފެށިގެން ދިހަވަނަ މިނެޓުގައި ޖޯޑަނުން އެއްލަނޑަށް ފަރަގު ކުޑަކުރި އެވެ. އެހްސާން ހައްދާދް ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ މޫސާ އަލް ތަމާރީ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ. ނަމަވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރާ މެސީ އާޖެންޓީނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް މެސީ ހޮވުނުއިރު މިމޮޅާއެކު އާޖެންޓީނާއިން ގަދަ 32 ގެ ބުރުގައި ނުކުންނާނީ އަލަތު ވޯލްޑްކަޕް ކުޅޭ ކޭޕް ވާޑާ ދެކޮޅަށެވެ. 3 ޖުލައިވާ ހުކުރުދުވަހު މިމެޗު އޮންނާނީ އެމެރިކާގެ މަޔާމީގަ އެވެ. އަދި މިމެޗުން ބަލިވެ ޖޯޑަން ވަނީ މިމުބާރާތަށް އަލްވަދާއު ކިޔާފަ އެވެ.
އާޖެންޓީނާއަށް ސައްތައިން ސައްތަ ރެކޯޑެއް، މެސީގެ ވިދުން ގަދަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ