ކަނޑަށް ވެއްޓުނު ހުސް 4 ކޮންޓެއިނަރުގެ ތެރެއިން 2 ކޮންޓެއިނަރު ހޯދައިފި
ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި (އެމްޕީއެލް)ގެ ބާޖަކުން ރޭ ވެއްޓުނު ހަތަރު ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ ދެ ކޮންޓެއިނަރު ކަމަށް، ފުލުހުން ބުނެފިއެވެ. ފުލުހުން ރޭ ކުރި ޕޯސްޓެއްގައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅައިފައި އޮތް އެމްޕީއެލްގެ ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 11:10 ހާއިރު ކަމަށެވެ. އެ ކޮންޓެއިނަރުތައް ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން އޮޔާދާނެ ކަމަށް ފުލުހުން ލަފާކުރެއެވެ. އެހެންކަމަށް އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. https://x.com/PoliceMv/status/2070944738677780854 އެމްއެންޑީއެފުން ބުނީ، މޫދަށް ވެއްޓިފައި ވަނީ ހަތަރު ކޮންޓެއިނަރު ކަމަށެވެ. އަދި މިއަދު ފުލުހުން ބުނީ، އޭގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިފައިވާ ކަމަށެވެ. އެމްޕީއެލުން 'ސަން'އަށް ބުނި ގޮތުގައި، ކަނޑަށް ވެއްޓިފައި ވަނީ ހުސް ކޮންޓެއިނަރުތަކެކެވެ. ފާހަގަކުރެވޭ ގޮތުގައި ރޭ އެ ހާދިސާ ހިނގިއިރު މާލެއަށް މޫސުން ވަރަށް ގޯހެވެ. އެގޮތުން މާލެއަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ރޭ އެކި ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އިއްޔެ ހެނދުނު 8:00އާއި މިއަދު ހެނދުނު 8:00އާ ދެމެދު މާލެއަށް 51.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހުޅުލެއަށް 53.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ