ފްރާންސްގެ "ފްރެންޗްބީ"އިން އަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުތައް ފަށަނީ
ދިގު ދަތުރުތަކަށް ޚާއްސަ، ފްރާންސްގެ ބަޖެޓު އެއާލައިނެއް ކަމަށްވާ "ފްރެންޗް ބީ" އިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. އޭވިއޭޝަނާ ބެހޭ ޚަބަރުތައް އާންމުކޮށް ގެންނަ 'އޭވިއޭޓާސް މޯލްޑިވްސް'ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ ޑިސެންބަރު މަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ. ފްރެންޗްބީ އެއާލައިންގެ ސީއީއޯ މާލް-އެންޓޮއިން ބްލޮންޑިއޫ ވިދާޅުވީ، މިއީ އެ އެއާލައިންގެ ކުރިއެރުމަށް ބަލައި އެޅި ފިޔަވަޅެއް ކަމަށެވެ. ސީދާ ފަރަންސޭސިވިލާތުން އަދި ސްރީލަންކާއަށާއި ރާއްޖެއަށް ދަތުރުތައް ނޯންނަކަން ބްލޮންޑިއޫ ވަނީ ފާހަގަކުރައްވައިފައެވެ. އޭނާ ވަނީ ރާއްޖޭގެ ރިސޯޓު ފަތުރުވެރިކަމާއި ސްރީލަންކާގެ ރީތިކަމުގެ ސަބަބުން އެ ގައުމުގެ މަގުބޫލުކަން ފަތުރުވެރިންގެ މެދުގައި ބޮޑުވަމުން އަންނަކަން ވެސް ފާހަގަކުރައްވައިފައެވެ. ފްރެންޗްބީ އެއާލައިނުން ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޕެރިސް އޯލީ އެއާޕޯޓުން ކޮލަމްބޯއަށް، އަދި ކޮލަމްބޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެގޮތުން، ޑިސެންބަރު 19އިން ފެށިގެން ޖަނަވަރީ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ހޯމަ ދުވަހާއި ހޮނިހިރު ދުވަހު ދަތުރުތައް ކުރާނެއެވެ. އެއަށްފަހު 11ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ދަތުރުތައް ބާއްވާނެއެވެ. އަދި އެ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހޮނިހިރު ދުވަހަކު ދަތުރެއް ބާއްވާނެއެވެ. މި ދަތުރުތައް ފަށައި ފުރަތަމަ ދުވަސްވަރު އަގުތައް އުޅޭ ގޮތަށް ބަލާއިރު، ރާއްޖޭގެ ދަތުރުތައް އުޅެނީ އިކޮނޮމީ ސީޓުގައި ނަމަ 649 ޔޫރޯއަށެވެ. އަދި ޕްރީމިއަމް ނަމަ 1،399 ޔޫރޯއަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އިއްޔެގެ ނިޔަލަށް ފަރަންސޭސިވިލާތުން ރާއްޖެއަށް 29،511 ފަތުރުވެރިން އައިސްފައިވެއެވެ. ރާއްޖެއަށް ހަތްވަނައަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ފަރަންސޭސިވިލާތުންނެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 1.03 މިލިއަން ފަތުރުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ