އއ. ހިމަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ އެ ރަށަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަކްރަމް އަހުމަދު އަދަދު ނޫހަށް ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި އެމްޓީސީސީން ކުރިއަށް ނުގެންދާ ކަމަށެވެ.
"އެ މަސައްކަތް ކުރިއަކަށް ގެންދަނީ ވަރަށް މަޑުމަޑުން، މިހާރު ދެ އަހަރެއްހާ ދުވަސް ފާއިތުވީ މި، އެ ސަރަހައްދުގައި ހުރި ހަރުގެ މިހާރު އެ ހުރީ ވެއްޓެން ކައިރިވެފައި، މިއަދު ވެސް ރުކެއް ވެއްޓިއްޖެ،" އަކްރަމް ވިދާޅުވި އެވެ.
ހިމަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުލައި 17، 2023 ގަ އެވެ. ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ހިމަންދޫގެ އެންމެ ބޮޑަށް ގިރަމުން ދަނީ އަމިއްލަ ފަރާތަކުން ފައިބަރު ފެކްޓްރީއެއް ހިންގަމުންދާ ސަރަހައްދުންނެވެ. އެ މަޝްރޫއުއާ އެމްޓީސީސީން ހަވާލުވިއިރު ވެސް އެ ސަރަހައްދުގެ 80 ޕަސެންޓު ގިރާލާފައިވާ ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެ އެވެ.
ހިމަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާކުކުރީ އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށް 26.5 މިލިއަން ރުފިޔާ އަށެވެ.
އަކްރަމް ވިދާޅުވީ އެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުގެންދާތީ ފައިބަރު ފެކްޓްރީ ހިންގާ ހަރުގެއަށް ވަރަށް ބޮޑެތި ގެއްލުންތައްވެފައިވާ ކަމަށެވެ. އެގޮތުން އެ ހަރުގޭގައި ބޭނުންކުރާ ބައެއް ސާމާނުތައް ވެސް އޮޔާ ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދާދިފަހުން ހައުސިން މިނިސްޓްރީގެ ބޭފުޅުން މި ރަށަށް އައީމާ އެ ސަރަހައްދު ދައްކާފައި ވެސް ކަންބޮޑުވުން ފާޅުކުރިން، އަދި ނުވާނެ ދެ ހަފުތާ ވެސް،" އެ މަސައްކަތް ލަސްވަމުންދާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައިކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވި އެވެ.
މަސައްކަތް ކުރާނެ މުވައްޒަފުން އެ ރަށުގައި ތިބި ނަމަވެސް، މަސައްކަތް ކުރަން ބޭނުންވާ ސާމާނު އެ ރަށުގައި ނެތްކަން އަކްރަމް ފާހަގަކުރެއްވި އެވެ.
ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 43،200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށަށް ވެލި އެޅުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ އިތުރުން 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގު ރިވެޓްމެންޓު ޖަހަން ޖެހެ އެވެ.
އަދި، އެ ރަށުގެ 240 މީޓަރުގެ ސަރަހައްދުގައި ގްރޮއިން ޖެހުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ގްރޮއިން ޖެހުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ހިމަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުގެ މަޝްރޫއުގެ އިތުރުން ވެސް މިދިޔަ ސަރުކާރުން ރަށްރަށުގައި ފެށި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. އަދި، ހިނގަމުންދާ މަޝްރޫއުތައް ވެސް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުގެންދާކަމުގެ ކަންބޮޑުވުން ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
އެހެންނަމަވެސް، ސަރުކާރުން ބުނަމުން ދަނީ އެއްވެސް ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކަމަށާއި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ.
ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ހިމަންދޫ ގޮނޑުދޮށް ގިރާ ހުސްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ