ބީއެމްއެލްއިން އިތުރު 710 ހައުސިން ޔުނިޓު އަޅަނީ

ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅި ގަވާއިދުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 710 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. 
ހުޅުމާލެ ދެ ފިޔަވައްސާއި ވިލިމާލޭގައި މުޅި ޖުމުލަ 3،260 ހައުސިން ޔުނިޓު ބީއެމްއެލްއިން ދަނީ އަޅަމުންނެވެ. ސަރުކާރުގެ ތަރުޖަމާނު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ 710 ޔުނިޓު އެ މަޝްރޫއުއަށް އިތުރުކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. 
ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވައި އެހެން ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އެ ކުންފުނިން ފްލެޓު އަޅަނީ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނި މެދުވެރިކޮށެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ބައެއް ކުންފުނިތައް ހިމެނެ އެވެ.
ޗައިނާއަށް ނިސްބަތްވާ އެ ދެ ކުންފުނިގެ ތެރެއިން ބީޔޫސީޖީއާ 1،117 ފްލެޓް އަޅަން ހަވާލުކުރިއިރު، ސީއެމްއީސީއާ ހަވާލުކުރީ 1،224 ފްލެޓް އެޅުމަށެވެ. ދިވެހި ކުންފުނިތަކުން އަޅާނީ 859 ޔުނިޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ