"ސައިބަރ ރެސިލިއެންސް ފެލޯޝިޕް" ގެ ދެވަނަ ފިޔަވަހި ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އޮސްޓްރޭލިއާގެ އެޑިތު ކޯވާން ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ "ސައިބަރ ރެސިލިއެންސް ފެލޯޝިޕް" ގެ ދެވަނަ ފިޔަވަހި ރާއްޖޭގައި ފަށާއިފިއެވެ.
އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުން ހިންގާ ސައިބަރ ސެކިއުރިޓީ އެންޑް ރެސިލިއެންސް ފެލޯޝިޕްގެ ދެވަނަ ފިޔަވަހީގެ ތެރެއިން، ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެޑިތު ކޯވާން ޔުނިވަރސިޓީ (އީސީޔޫ) ގެ ދިރާސާވެރިންގެ ޓީމެއް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސަލާމަތީ ގުޅުން ހަރުދަނާކޮށް، ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާއި ޑިޖިޓަލް ރެސިލިއެންސްގެ ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
28 ޖޫން އިން 2 ޖުލައި 2026 އަށް މާލޭގައި ކުރިއަށްގެންދާ މި ފެލޯޝިޕް ޕްރޮގްރާމަކީ، މި އަހަރުގެ ކުރީކޮޅު އޮސްޓްރޭލިއާގައި ބޭއްވި މި ފެލޯޝިޕްގެ ފުރަތަމަ ފިޔަވަހީގައި ދިވެހި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ބައިވެރިވި ފަރާތްތަކަށް ލިބުނު ޢިލްމާއި ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ހިންގާ އެއް ހަފްތާގެ ހަރަކާތެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން އީސީޔޫގެ ތަޖުރިބާކާރުން ރާއްޖޭގެ ކަމާބެހޭ މުޢައްސަސާތަކާއި ގުޅިގެން މުހިންމު ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ސައިބަރ ހަމަލާތަކަށް އިޖާބަދިނުމާއި، ނުރައްކާތައް މެނޭޖްކުރުމާއި، އަދި ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް އަމާޒުކޮށްގެން ހިންގާ ސިމިއުލޭޝަންތަކާއި ޕްރެކްޓިކަލް އެކްސަސައިޒްތައް ހިމެނެއެވެ.
މި ސެޝަންތަކުގައި އޮސްޓްރޭލިއާގައި ޕެލޯޝިޕް ފުރިހަމަކޮށް ފުރަތަމަ ފިޔަވަހި ނިންމާފައިވާ ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކަށް ނިސްބަތްވާ 15 ފަރާތެއް ބައިވެރިވެއެވެ.
މި ފެލޯޝިޕްގެ ސަބަބުން ސައިބަރ ނުރައްކާތައް މެނޭޖުކުރުމަށާއި، ޤައުމީ މުހިންމު ޑިޖިޓަލް އިންފްރާސްޓްރަކްޗަރތައް ރައްކާތެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން" ތަޞައްވުރު ހަޤީގަތަކަށް ހެދުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ސައިބަރ ސެކިއުރިޓީ އެންޑް ރެސިލިއެންސް ފެލޯޝިޕަކީ ރާއްޖެއާއި އޮސްޓޯރޭލިއާ އާއި ދެމެދު އޮތް ގުޅުން ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ޢިލްމު ބަދަލުކުރުމާއި، މުއައްސަސާތައް ތަރައްޤީކުރުމުގެ އިތުރުން، ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއެންސްގެ ދާއިރާއިން ކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ރާއްޖޭގެ ފަންނީ މާޙިރުން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ރާއްޖެއަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ޑިޖިޓަލް މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިތު ކޯވާން ޔުނިވާރސިޓީ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިޔައީ 19 ޖަނަވަރީ އިން 3 ފެބުރުވަރީ 2026 އަށް އޮސްޓްރޭލިއާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ