އިންޑިއާގެ އެފްޓީއޭއަށް ދިވެހި ވިޔަފާރިވެރިންގެ ހިޔާލު ހޯދަން ފަށައިފި

އިންޑިއާއާއެކު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅޭ ގޮތުން ދިވެހި ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މި މަސައްކަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ވަނީ ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާކުރަން ފަށައިފަ އެވެ. 
ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިއަކު ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ދިވެހި ވިޔަފާރިތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ގިނަ ސުވާލުތަކެއް އުފައްދާފަ އެވެ.
ހާއްސަކޮށް، އިންޑިއާ ފަދަ ބޮޑު މާކެޓެއްގައި ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދައިދެވޭނެތޯ އާއި ދެ ގައުމުގެ ދެމެދުގައި އޮތް ފުރުސަތުތަކުގެ ހަމަހަމަކަމާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ.
"ޗައިނާއާއެކު ހެދި އެއްބަސްވުމުން ވެސް ހަގީގަތުގައި ލިބެންވާ ފައިދާއެއް ނުލިބޭ. އިންޑިއާއާއެކު އެއްބަސްވުން ހަދައިގެން ވެސް އަދި ވާނެ ގޮތެއް ނޭނގޭ. މިހާރު ވެސް އިންޑިއާގެ ވިޔަފާރިތަކަށް ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް އެބަ ހިންގޭ. ދިވެހިންނަށް އެ ފުރުސަތު އޮންނާނެތޯ އިންޑިއާގައި،" ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިޔަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.
"ކަންކުރަން ތިބި މީހުންގެ ވިސްނުމުގައި ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާއިން ފުރުސަތުތައް ހޯދުމުގެ ވިސްނުން ހުރިހެން ހިއެއް ނުވޭ."
އޭނާ އިތުރަށް ބުނި ގޮތުގައި، އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް ނިމި، އެއްބަސްވުން ފައިނަލްވާ ހިސާބަށް ދިޔުމުން އެ މައުލޫމާތުތައް ވިޔަފާރިވެރިންނާ ހިއްސާ ކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.
ރާއްޖެއާ އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަޝްވަރާތައް ފެށުމަށް ދެ ގައުމުން ނިންމާފައިވަނީ 2024 ވަނަ އަހަރު ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.
އެ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަދަކުރުމަށްޓަކައި މި މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވާކަން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
ރާއްޖެއިން މީގެ ކުރިން ވަނީ ޗައިނާއާއެކު ވެސް ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ