މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިސްނަގައިގެން، ބައިނަލްއަގުވާމީ އޮލިމްޕިކް ދުވަސް ތަފާތު ތިން ސަރަަހައްދެއްގައި ފާހަގަކޮށްފި އެެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދިން ގޮތުގައި، އެންމެ ފުރަތަަމަ މި ފަހަރުގެ އޮލިމްޕިކް ދުވަސް ފާހަގަކުރީ ރާއްޖޭގެ ދެ ރަށެއްގަ އެެވެ. އެއީ، ރަށު ކައުންސިލްތަކުގެ އެހީގައި ލ. ކުނަހަންދޫ އާއި ގދ. ވާދޫގަ އެވެ. ގިނަ އަދަދެއްގެ އާންމުންގެ ބައިވެރިވުމާ އެކު، ރަށްރަށުގައި ބޭއްވުނު އޮލިމްޕިކް ދުވަހުގެ ހަރަކާތްތައް ރޭވިފައި އޮތީ ކުޑަކުދިންނާއި އާއިލާތައް އެއްވެ، އުފާވެރި، މަޖާ މާހައުލެއްގައި ކަންކަން ކުރިއަށްގެންދެވޭ ގޮތަށެވެ.
ރަށްރަށުގައި ބޭއްވުނު އޮލިމްޕިކް ދުވަހުގެ ކާމިޔާބު އިވެންޓްތަކަށް ފަަހު، އިއްޔެ ހަވީރު، ހެންވޭރު ދަނޑުގައި ވަނީ މާލެ ސިޓީގައި ރޭވިފައި އޮތް އޮލިމްޕިކް ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. މިއީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ 12 މެމްބަރު އެސޯސިއޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ އިވެންޓެކެވެ.
އެ ގޮތުން، މެމްބަރު އެސޯސިއޭޝަންތަކުން ތަފާތު އެކިއެކި ކުޅިވަރު ހަރަކާތްތައް ރާވައިގެން ކުރިއަށްގެންދިޔައިރު، އެ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ ދަށުން ހިންގާ ކުޅިވަރު އެކަޑަމީތަކުގެ ބައިވެރިވުން ވެސް ވަނީ ލިބިގެންގޮސްފަ އެވެ.
މި އިވެންޓްގައި ވާހަަކަ ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ އޮލިމްޕިކް ދުވަހުގެ މުނާސަަބަތުގައި ހިންގޭ ހަރަކާތްތަކުގައި ގިނަ ބަޔެއްގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި، ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ވެސް ސައްތާރު ވިދާޅުވި އެވެ.
މި އިވެންޓްގެ ތެރެއިން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް، ޒިމްބާބްވޭގެ ކާސްޓީ ކަވެންޓްރީގެ ހާއްސަ ބަސްދީގަތުމެއް މި އިވެންޓްގެ ބައިވެރިންނަށް ވަނީ އިއްވައިފަ އެވެ. އަދި، އޮލިމްޕިކް ދުވަހުގެ މާލެ ސިޓީގެ އިވެންޓްގެ ޝަރަފްވެރި މެހެމާނަކަށް ބައިވެރިވެވަޑައިގެންނެވީ، ސްޕޯޓްސް ކޮމިޝަަނަރު މުހައްމަދު ތޮލާލް އެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކާއި ގައުމީ ޓީމުތަކުގެ އެތުލީޓުން ވެސް ބައިވެރިވި މި އޮލިމްޕިކް ދުވަހުގެ އިވެންޓަކީ ކާމިޔާބު ހަރަކާތެއް ކަމަށެވެ.
އޮލިމްޕިކް ދުވަސް ފާހަގަކުރުން ކުރިއަށްދިޔައީ ތިން ސަރަހައްދެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ