ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ

ހުޅުމާލޭގައި ބޮޑުކަންނެލި ނުވަތަ ބިގްއައި ޓޫނާ ޕްރޮސެސްކުރާ ބޮޑު ފެކްޓްރީއެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަހުމަދު ޝިޔާމް މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ގާއިމުކުރާ މި ފެކްޓްރީއަކީ 100 ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ހުންނާނެ ތަނެއް ކަމަށެވެ. މި މަޝްރޫއަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
"ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަޝްރޫއެއް މިހާރު ދަނީ ތައްޔާރުވަމުން. އިކޮނޮމިކް ކައުންސިލުން މިހާރު ވަނީ މިކަމަށް ހުއްދަ ދީފައި. އަދި މި މަޝްރޫއު ތަރައްގީކުރުމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ޕެކްކޮށް ޕްރޮސެސްކުރާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. އަލަށް ގާއިމުކުރާ ފެކްޓްރީއާއެކު މި މައްސަލައަށް ހައްލެއް ލިބި، މަސްވެރިންނަށް މާކެޓް އެކްސެސް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، މިފްކޯއާއި މަސްވެރިން ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިކަމަށް ރަނގަޅު އަގުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސް އޮފީހުގެ ޕޮޑްކާސްޓް "ދަ ޕަލްސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މި ސަރުކާރު އައުމުގެ ކުރިން މިފްކޯއިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައި އޮތް ނަމަވެސް، އަލުން އެ ވިޔަފާރީގެ ތެރެއަށް މިފްކޯ ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޫއްޑޫއިން ބޮޑުކަންނެލި ގަތުން މިފްކޯއިން ހުއްޓާލުމާ ގުޅިގެން މަސްވެރިންގެ ފަރާތުން އައި ޝަކުވާތަކަށްފަހު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކުންފުނިން ވަނީ އަލުން ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިހާރު މިފްކޯއިން ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއާ ހަމައަށްވާ އަގުތަކެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ