އިގްތިސާދު މެނޭޖު ކުރަން ސަރުކާރަށް ނޭނގޭ، ޑޮލަރުގެ އަގު ވަނީ 21 އަށް އަރާފައި: ޝަމްހީދު

500 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވަނީ މި ސަރުކާރުން ހޯދި ފައިސާއަކުން ނޫންކަމަށާއި، އެއީ މި ސަރުކާރު ހަވާލުވިއިރު ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ދެއްކި ލޯނެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު މިހެން ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ބިލުގެ ބަހުސްގައި ޝަމްހީދު ވަނީ ރާއްޖޭގެ އިގްތިސާދު އޮތް ހާލަތު ސަރުކާރަށް ވަޒަން ކުރެވޭކަމާއި މެދު ސުވާލު އުފައްދާފަ އެވެ.
ޝަމްހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުތަކުގެ އެއްވެސް އަމާޒުތައް ހާސިލުނުވެ، އިގްތިސާދީ ގޮތުން ގައުމު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު، ބަޖެޓުގެ ތިންވަނަ ސަފުހާގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކުގެ ސާފު މަގްސަދަކީ މާލީ ފައިދާއެއް ހޯދުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން ބަޖެޓަށް 1.1 ބިލިއަން ރުފިޔާ އިތުރަށް ހޯދުމަށް އަމާޒު ހިފި ނަމަވެސް، އަހަރު ނިމިގެން ދިޔައިރު އޭގެ އެއްވެސް ނަތީޖާއެއް ހާސިލުވެފައި ނުވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.
ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އޭރުގެ ފިނޭންސް މިނިސްޓަރު އެންމެ ބޮޑަށް ދެއްކެވި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ (އެފްޓީއޭ) ގުޅޭގޮތުން ވެސް ޝަމްހީދު ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން ޝަމްހީދު ވިދާޅުވީ މަސްވެރިކަމުގެ 298 ބާވަތެއް ސުމެއް އިންސައްތައިގެ ޑިއުޓީގައި އެކްސްޕޯޓްކޮށް، މަހަށް ހަމައަގު ލިބި ޑޮލަރުގެ އަގު ތިރިވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް އާންމު ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ޗައިނާއަށް އެކްސްޕޯޓް ކުރެވުނީ އެންމެ 6 ލައްކަ ރުފިޔާގެ މުދާ.. ނަމަވެސް 2025 ވަނަ އަހަރު މި އެއްބަސްވުމުގެ ދަށުން ގިނަ ތަކެތި ފޮނުވޭނެ ކަމަށް ބުނިއިރުވެސް، އެ އަހަރު ނިމުނުއިރުވެސް އެކްސްޕޯޓް ހުރީ ހަމަ 6 ލައްކައިގައި.. އެކަމަކު ހަމަ އެ އަހަރު ޗައިނާއިން 8.2 ބިލިއަން ރުފިޔާގެ މުދާ މިވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައި.. މިއީ ދުނިޔޭގެ ތާރީހގައިވެސް އެފްޓީއޭއެއްގެ ދަށުން މިހާ ބޮޑު ތަފާތެއް ފެނުނު ފުރަތަމަ ފަހަރު
ޝަމްހީދު ވިދާޅުވީ، ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ދައުލަތަށް 4.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް، އަހަރު ނިމުނުއިރު ލިބުނީ އެންމެ 3 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ދައުލަތަށް ލިބެންޖެހޭ 1.5 ބިލިއަން ރުފިޔާ ގެއްލިގެން ދިއުންކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން 6 އިންސައްތައަށް އަރާފައިވާއިރު، މިނިވަން ވިޔަފާރީގެ ސަބަބުން ރައްޔިތުން ގަންނަ އެއްވެސް މުދަލެއްގެ އަގު ހެޔޮވެފައި ނުވާކަމަށެ.
ސަރުކާރުން ބޮޑެތި އުންމީދުތަކެއް ދިން ޑިވެލޮޕްމަންޓް ބޭންކާއި ބަންކަރިންގްގެ ހިދުމަތުން ވެސް އެއްވެސް ކުރިއެރުމެއް ނުފެންނަކަމަށް ޝަމްހީދު ވިދާޅުވިއެވެ. ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޑިވެލޮޕްމަންޓް ބޭންކަށް ހޭދަކުރިނަމަވެސް ތަނުން ހިދުމަތް ދެވޭ ގޮތެއް ނުވާކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަންކަރިންގްގެ ވާހަކަ ދެއްކި ނަމަވެސް ފައިދާއެއް ނުވާއިރު ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާފައިވާކަމަށެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާވިސް ޗާޖުން ލިބޭ ޑޮލަރުވެސް ސަރުކާރަށް ނަގަމުންދާކަމަށާއި، މިގޮތަށް 900 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާކަން މީރާގެ ހިސާބުތަކުން ދައްކާކަމަށް ޝަމްހީދު ވިދާޅުވިއެވެ. ނަމަވެސް، 500 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވަނީ މި ސަރުކާރުން ހޯދި ފައިސާއަކުން ނޫންކަމަށާއި، އެއީ މި ސަރުކާރު ހަވާލުވިއިރު ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ދެއްކި ލޯނެއްކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ