ޒިއުރިކް، ސްވިޒަލެންޑް (ޖޫން 25) - ތަކުރާރުކޮށް ކަންކަން ރަނގަޅުކުރަން ދިން ފުރުސަތުތަކުގައި ކަންކަން ރަނގަޅުކުރަން، ނޭޕާލްގެ ސަރުކާރުގެ ސްޕޯޓްސް ކައުންސިލުން ނުނިންމުމުން، ފީފާ އިން ނޭޕާލްގެ ފުޓްބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް ފެޑެރޭޝަން (އަންފާ) ސަސްޕެންޑްކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން. ނޭޕާލްގެ ސަރުކާރުގެ ސްޕޯޓްސް ކައުންސިލުން އަންފާއާ ދެމެދު ގިނަ މައްސަލަތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. އަންފާގެ އިންތިހާބު ހުއްޓުވަން ނޭޕާލްގެ ޕަޓާން ހައި ކޯޓުން މީގެ ފަސް މަސް ކުރިން އެންގި އެންގުމާ އެއްގޮތަށް އަންފާގެ އިލެކްޓޯރަލް ކޮމިޓީން ނިންމި އެވެ. އަދި، އޭގެ ފަހުން، މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު. ނޭޕާލް ސްޕޯޓްސް ކައުންސިލުން ވަނީ ތިން މަހަށް އަންފާ ސަސްޕެންޑްކޮށްފަ އެވެ.
ސަސްޕެންޝަނުގެ އެ މުއްދަތުގެ ތެރޭގައި، ފީފާ އިން ވަނީ ތިން ފަހަރެއްގެ މަތިން، އެ ސަސްޕެންޝަން އުވާލައި، މިނިވަންކޮށް އަންފާގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ދޭން އަންގައިފަ އެެވެ. އެކަމަކު، އެ ސަސްޕެންޝަނުގެ މުއްދަތު ހަމަވިއިރު ވެސް ފީފާގެ އެންގުންތަކަށް ނެޝަނަލް ސްޕޯޓްސް ކައުންސިލުން ބޯލަނބާފައިނުވެ އެވެ.
މި ހުރިހާ ކަމަކާ އެކު، ފީފާ އިން އިއްޔެ ނިންމީ، މުއްދަތެއް ނެތް ގޮތަށް ނޭޕާލް ސަސްޕެންޑް ކުރުމަށެވެ.
ފީފާ އިން އަންގާފައިވަނީ ސަސްޕެންޑްކޮށްފައިވާ މި މުއްދަތުގެ ތެރޭގައި، ނޭޕާލްގެ ގައުމީ ޓީމާއި އެއްވެސް ކްލަބަކަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. މި ސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި، ފީފާ އާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ފަރާތުން ނޭޕާލްގެ ފުޓްބޯޅަ އަށް ލިބެމުން އަންނަ އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ކަން ވެސް ފީފާ އިން ނޭޕާލަށް ވަނީ އަންގައިފަ އެވެ.
ފީފާގެ އެންގުންތަކާ އެއްގޮތަށް އަންފާ ހިންގަން ފުރުސަތު ލިބި، ހުރި މައްސަލަތަކަށް ހައްލެއް އައިސްފިނަަމަ ސަސްޕެންޝަން އުވާލާނެކަން ފީފާ އިން ވަނީ އަންގައިފަ އެވެ.
ދެކުނު އޭޝިއާގެ ގިނަ ގައުމުތައް ފާއިތުވި 10 ވަރަކަށް އަހަރު ތެރޭ ވަނީ ފީފާގެ ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، ޕާކިސްތާނަށް ތިން ފަހަރެއްގެ މަތިން ފީފާގެ ސަސްޕެންޝަން އައިއިރު، ސްރީ ލަންކާ ހަތް މަހެއްހާ ދުވަހަށް އަދި އިންޑިއާ ހަފްތާއެއްހާ ދުވަހަށް ފީފާގެ ސަސްޕެންޝަނުގައި އޮންނަން ޖެހުނެވެ.
ސަރުކާރުން ދޫނުދިނުމުން ފީފާ އިން ނޭޕާލް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ