އަފްޣާނިސްތާނުގައި ވެރިކަންކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ވަފުދަކުން ވިލާތުގެ ޤައުމަކަށް ފުރަތަމަ ފަހަރަށް ދަތުރުކޮށް، ވިލާތުގެ އިއްތިޙާދުގެ (އީޔޫ) އޮފިޝަލުންނާ ބައްދަލުކޮށް، މަޝްވަރާކޮށްފިއެވެ. ޖޫން 23 ގައި މި ބައްދަލުވުން ބާއްވާފައި ވަނީ ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައެވެ. އީޔޫގެ ޤައުމުތަކުން ޠާލިބާނުންގެ ސަރުކާރު ބަލައިގަނެފައި ނެތް ނަމަވެސް އެ އިއްތިޙާދުން ބުނީ، މިއީ ވިލާތުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީންގެ ތެރެއިން ކުށްކުރާ މީހުން އަނބުރާ ޤައުމަށް ފޮނުވައިލުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމުގައެވެ. ވިލާތުގެ ކޮމިޝަނާއި އީޔޫގެ 15 މެންބަރު ޤައުމެއްގެ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ. ޖަނަަވަރީ މަހު ކާބުލްގައި ބޭއްވި ބައްދަލުވުމެއްގައި ވެސް އީޔޫއާއި ޠާލިބާނުން މި ކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ބުނީ، ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވައިލުމުގެ އިތުރުން އެހެން މައުޟޫޢުތަކަށް ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމުގައެވެ. މި ގޮތުން، އީޔޫގެ ޤައުމުތަކުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކޮންސިޔުލަރ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމާއި، އެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ މަޝްވަރާކުރެވުނު ކަމުގައި އޭނާ ބުންޏެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް ބެލްޖިޔަމަށް ދަތުރުކުރި ޠާލިބާނުންގެ ވަފުދަށް ދޫކޮށްފައި ވަނީ އެންމެ ދުވަހެއްގެ ވިސާއެކެވެ. އަދި، ބައްދަލުވުން ބޭއްވި ތަނުން ބޭރަށް ދަތުރުކުރުމުގެ އެއްވެސް ފުރުޞަތެއް އެ ވަފުދުގެ މެންބަރުންނަށް ދީފައި ނުވާނެ ކަމުގައި ބްރަސެލްސްއިން ބުންޏެވެ.
އީޔޫގެ މެންބަރުން ޠާލިބާނުންނާ ބައްދަލުކުރުމުން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކާއި ވިލާތުގެ ސިޔާސީ އިސް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ނޮބެލް ސުލްޙައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ ބޮޑު ކާރިސާއަކަށް ޒިންމާވާން ޖެހޭ ސަރުކާރަކަށް ވިލާތުން ޤާނޫނީ ހައިސިއްޔަތުދީގެން ނުވާނެ ކަމުގައެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ރެފިއުޖީންނާ ބެހޭ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ޖެފް ކްރިސްޕް ވިދާޅުވީ، އީޔޫން އަނބުރާ ފޮނުވައިލާ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ޠާލިބާނުންގެ ފަރާތުން ބޭއިންސާފު އަނިޔާތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.
އަފްޣާނިސްތާނުގެ ޤާނޫނީ ވެރިކަން ވައްޓައިލުމަށްފަހު، ޠާލިބާނުން ވެރިކަން ފޭރިގަނެފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ. އެއީ، އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) ޠާލިބާނުންނާ ދެކޮޅަށް ކުރި 20 އަހަރަށް ދެމިގެންދިޔަ ހަނގުރާމަ ނިމުމަކަށް އައި ފަހުންނެވެ. ވެރިކަން ފޭރިގަތުމަށް ފަހު، ޠާލިބާނުން އަފްޣާނިސްތާނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހަނިކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. މި ގޮތުން، އަންހެނުންގެ ޙައްޤުތައް ހަނިކޮށް، އަންހެން ކުދިންނަށް ތަޢުލީމު ހޯދުމުގެ ފުރުޞަތު ވެސް ވަނީ ނަގައިލާފައެވެ. އަދި، ޚިޔާލު ފާޅުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ވެސް ވަނީ ހަނިކޮށްފައެވެ.
އީޔޫއާ ބައްދަލުކުރަން ޠާލިބާނުން ފުރަތަމަ ފަހަރަށް ވިލާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ