ރިޕަބްލިކް އޮފް ސޭޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
މިއީ، ސޭޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ބެރީ ފޯރ ވަނީ، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެއްވިއެވެ.
މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ހައިސިއްޔަތުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ދެ މިނިސްޓަރުން ޚިޔާލު ބަދަލުކުރެއްވިއެވެ. މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކަމަކީ، މިމަހުގެ 15 ގައި އަމަލުކުރަން ފެށި، ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ކުރު މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފެށުމެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެއެވެ.
ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވި "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުން، ދެ މިނިސްޓަރުން ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވާފައެވެ. މިއީ، ތިމާވެށި ހިމާޔަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޖަޒީރާ ޤައުމުތަކެއްގެ ގޮތުން ރާއްޖެއާއި ސޭޝެލްސްއިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ. މިއީ، ސޝެލްސްގެ ފޮރިން މިނިސްޓަރަކު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ސޭޝެލްސްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ