ރާއްޖޭގެ ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްގެ ޖުމްލަ 40 ފުރުސަތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަޝިޕްތަކާއި ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިދާރާއިން ކުރި އިއުލާނުގައިވާ ގޮތުން، މި ސްކޮލަޝިޕް ޕްރޮގުރާމްގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ދޭނެ އެވެ.
އޭގެ ތެރޭގައި އިސްލާމީ ޝަރީއާ، ގުރުއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާ އާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު އަދި އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކަހަލަ ދާއިރާތައް ހިމެނެ އެވެ.
ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ރާއްޖޭން ބޭރުގެ ފުރުސަތުތައް ހުޅުވާލައިފައި ވަނީ މިސްރުގެ އަލް އަޒުހަރު ޔުނިވާސިޓީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ، މެލޭޝިއާގެ އިންސިފް، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމް އަދި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިސްލާމްއާބާދު ފަދަ ޔުނިވާސިޓީތަކުންނެވެ.
މި ފުރުސަތުގެ ދަށުން ޖުމްލަ 30 ސްކޮލަޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖެއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ހާއްސަ ސްކޮލަޝިޕް ސްކީމްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި މިސްރުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތާއި އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ފަސް ހާއްސަ ސްކޮލަޝިޕް ހިމެނެ އެވެ.
ޒަކާތު ހައުސް އިން ބުނީ ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. ނަމަވެސް، އެއީ ދިވެހި އިސްލާމީ މުޖުތަމައު ތަރައްގީކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭނެ ކަމަށް ބުންޏެވެ.
އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ކަމާ ގުޅޭ ސެޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެ ކަމަށާއި އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީން ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.
އެޕްލިކޭޝަންތައް ފޮނުވަން ޖެހެނީ އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
ޒަކާތު ފަންޑުން ދޭ 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ