ގާނޫނު އަސާސީ އާއި ލާމަޒުކަޒީ ގާނޫނު ބަދަލުކުރުމަށް ފަހު އުވާލި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގާއިމުކުރާ އޮފީސްތަކަށް ކިޔާނީ އަތޮޅު އޮފީސް ކަމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެލްޖީއޭގެ ސީއީއޯ އަހުމަދު ނިމާލަށް އެޑްރެސްކޮށް ރައީސް އޮފީހުން ފޮނުވާފައި ސިޓީއެއްގައި ބުނެފައިވަނީ، އެލްޖީއޭގެ ހިދުމަތްތައް އަތޮޅުތަކުގައި ދިނުމަށް ޓަކައި ގާއިމުކުރާ އޮފީސްތަކަށް "ލޯކަލް ގަވަމަންޓް އޮތޯރިޓީ -(އަތޮޅު) އޮފީސް" ބޭނުންކުރަން ފެންނަ ކަމުގައި މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އަތޮޅު އޮފީސްތައް އިޔާދަކުރާއިރު، މި އޮފީސްތަކުގައި މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަނީ އުވާލެވުނު އަތޮޅު ކައުންސިލުތަކުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މި ހުރިހާ މުވައްޒަފުން ބަދަލު ވާނީ އެލްޖީއޭގެ މުވައްޒަފުންނަށެވެ.
ރައީސް އޮފީހުގެ ސިޓީގައި، ވަޒީފާގެ ކަންކަން ހަމަޖައްސާއިރު، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި ލިބެމުންދާ މުސާރައި އިނާޔަތްތަކަށް އުނިކަމެއް ނާންނަ ގޮތަށް ކަންކަން ހަމަޖައްސަން އިރުޝާދު ދީފައިވެ އެވެ.
ލާމަރުކަޒީ ގާނޫނު އެންމެ ފަހުން ބަދަލުކުރީ، އެލްޖީއޭގައި ތިބި މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރާށެވެ. މިހެންކަމުން އަތޮޅު އޮފީސްތައް އުފެދިގެން އަންނައިރު މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް ވަންނާނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއަށެވެ.
ސަރުކާރުން ބުނާ ގޮތުގައި އަތޮޅު ކައުންސިލުތައް އުވާލީ ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުންނެވެ. ސަރުކާރުގެ މި ސިޔާސަތާ ދެކޮޅު މީހުން ބުނަނީ މިއީ ލާމަޒަރުކަޒީ ނިޒާމުގައި ތަސައްވުރު ކުރި ނިޒާމު ރޫޅާލައި، މައި ސަރުކާރަށް ބާރުތައް ޖަމާކުރުމުގެ ބޭނުމުގައި ކުރި ކަމެކެވެ.
އެލްޖީއޭގެ ދަށުން އަތޮޅު އޮފީސްތައް އިޔާދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ