ވ. އަތޮޅުގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ފަރާތްތަކުން، ހާއްސަކޮށް ޑައިވް ސެންޓަރުތަކުން ސަލާމަތީ މިންގަނޑުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ގޮވާލައިފި އެވެ.
ވީ ކިިހިނެއް؟ - މަޓީން މިކަމަށް ގޮވާލާފައިވަނީ، އިޓަލީގެ ފަސް މީހަކާއި އެ މީހުން ހޯދަން ހިންގާ އޮޕަރޭޝަންގައި ބައިވެރިވި ދިވެހި ސިފައިންގެ ރެސްކިއު ޑައިވަރަކު މަރުވި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ބުނީ ކީކޭ؟ - މަޓީގެ ބަޔާނުގައި ބުނީ، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޑައިވް ސެންޓަރުތަކާއި ހިދުމަތްދޭ އެހެނިހެން ފަރާތްތަކުން ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ބާރުއަޅާ ކަމަށެވެ.
މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް މަޓީގެ އެގްޒެކެޓިވް ބޯޑާއި މެންބަރުން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ.
މީގެ އިތުރުން، ގެއްލުނު މީހުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށް، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އިއްޔެ މަރުވި އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާން ވެސް މަޓީން ވަނީ އާކޮށްފަ އެވެ.
"ގެއްލިފައިވާ ޑައިވަރުން ހޯދުމަށްޓަކައި، ނުހަނު ދަތި އަދި އުނދަގޫ ހާލަތެއްގައި އެމްއެންޑީއެފްގެ ސާޗު އެންޑް ރިކަވަރީ ޓީމުން މެދުކެނޑުމެއްނެތި ކުރަމުން އަންނަ ހިތްވަރުގަދަ މަސައްކަތްތައް މި ފުރުސަތުގައި ބަލައިގަންނަމެވެ،" ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުންގެ ތިން ޑައިވަރުން މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.
ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.
ޑައިވިންގެ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރަން މަޓީން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ