މެންޗެސްޓާ (މެއި 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް، ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނައިން ހެދުމުގެ ރެކޯޑާ ހަމަކުރި މެޗުގައި، އެ ޓީމުން 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.
އިނގިރޭސި ފުޓްބޯޅަ ލިޔުންތެރިން ހޮވި މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ، ފެނާންޑޭސް ވަނީ ފޮރެސްޓް މެޗުގައި ބްރަޔަން އެމްބެއުމޯ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދީ މި ސީޒަނުގެ 20 ވަނަ އެސިސްޓް ހަދައިފަ އެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް މިިހާރު އޮތީ ފެނާންޑޭސްގެ އިތުރުން، މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު ކެވިން ޑި ބްރޭނާ އާއި އާސެނަލްގެ ކުރީގެ ތަރި، ތިއަރީ އޮންރީ އެވެ. އެ ރެކޯޑް މުގުރާލަން ފެނާންޑޭސަށް އަދި އެއް މެޗު އެބައޮތެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗު ފަށައިގެން، ފަސް ވަނަ މިނިޓްގައި ލޫކް ޝޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. ފޮރެސްޓުން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ މޮރާޓޯ ޖެހި ގޯލުން އެއްވަރުކުރި ނަމަވެސް އޭގެ އިރުކޮޅެއްގެ ތެރޭގައި މަޓެއުސް ކޫންޏާ ވަނީ ލަނޑު ޖަހައި، ޔުނައިޓެޑަށް އަލުން ލީޑުނަގައިދިފަ އެވެ. މި ގޯލު ޖެހުމުގެ އެޓޭކުގެ ތެރޭގައި ޔުނައިޓެޑްގެ އެމްބެއުމޯ އަތުގައި ބޯޅަ ޖެހުނު ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާެރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ބަލާފައި ވެސް ނިންމީ ގޯލެއް ކަމަށެވެ.
ފެނާންޑޭސް ދިން ބޯޅައިން 76 ވަަނަ މިނިޓްގައި އެމްބެއުމޯ އެ ޓީމުގެ ލީޑުފުޅާކޮށްދިންތާ ދެ މިނިޓް ތެރޭ، މޯގަން ގިބްސް-ވައިޓް ވަނީ ފޮރެސްޓަށް ފަރަގު ކުޑަކޮށްދީފަ އެވެ. އަދި، ފޮރެސްޓުން މެޗުގެ ބާކީ ބައިގައި ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މި މޮޅާ އެކު، ޔުނައިޓެޑުން. ވަނީ ލީގުގެ ތިން ވަނަ ޔަގީންކޮށްފަ އެވެ. ޔުނައިޓެޑަށް 37 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެެވެ. ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް 37 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 37 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި ކުޅުނު އަނެއް މެޗުތަކަަށް ބަލާއިރު، ބްރެންޓްފޯޑާއި ކްރިސްޓަލް ޕެލަސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެވަޓަން އަތުން 3-1 އިން ސަންޑަލެންޑް މޮޅުވިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 1-0 އިން ބްރައިޓަން އަތުން މޮޅުވެފަ އެވެ. އަދި، ވުލްވްސް އާއި ފުލަމް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ފެނާންޑޭސް ރެކޯޑާ ހަމަކުރިއިރު ޔުނައިޓެޑުން ފޮރެސްޓް ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ