ޑައިވިންގެ ސަލާމަތީ މިންގަނޑުތައް ހިފަހައްޓަން މަޓީން ގޮވާލައިފި: "ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓޭނީ އޭރުން"
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް، ޚާއްސަކޮށް ޑައިވް ސެންޓަރުތަކާއި ޑައިވިން ޚިދުމަތް ދޭ ތަންތަނުން ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައަށް ހިފެހެއްޓުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހަރުކަށިކޮށް އިލްތިމާސެއް ކޮށްފިއެވެ. މަޓީން ނެރުނު ނޫސްބަޔާނުގައި ބުނީ ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިންނަށް ދިމާވި ހާދިސާގެ ޚަބަރު އަޑުއެހީ ނުހަނު ފުން ހިތާމަޔާ އެކު ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު އަދިވެސް ފެނިފައި ނުވާއިރު، މި ހާދިސާގައި އަސަރުކޮށްފައިވާ ހުރިހާ ފަރާތްތަކެއްގެ އާއިލާތަކަށް މަޓީން ވަނީ ތައުޒިޔާ ރައްދުކޮށްފައެވެ. މީގެ އިތުރުން، ގެއްލުނު ފަތުރުވެރިން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ހާލު ދެރަވެގެން ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ވަކިވުމުގެ ހިތާމައިގައި ބައިވެރިވެ، އޭނާގެ އާއިލާއަށް ވެސް މަޓީން ވަނީ ތައުޒިޔާ ކިޔާފައެވެ. ނުހަނު އުނދަގޫ އަދި ނާޒުކު ހާލަތުތަކުގައި ވެސް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު ޓީމުން މެދުނުކެނޑި ކުރަމުންދާ ހިތްވަރުގަދަ މަސައްކަތްތަކަށް މަޓީން ވަނީ ތައުރީފުކޮށްފައެވެ. އަދި ސިފައިންގެ މި ގައުމީ ޚިދުމަތް އަބަދު ވެސް ހަނދާން ހުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް، ޚާއްސަކޮށް ޑައިވް ސެންޓަރުތަކާއި ޑައިވިން ޚިދުމަތް ދޭ ތަންތަނުން ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައަށް ހިފެހެއްޓުމަށް މަޓީން ވަނީ ހަރުކަށިކޮށް އިލްތިމާސެއް ކޮށްފައެވެ. https://sun.mv/222070 މަޓީން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް، އިޓަލީވިލާތަށް ނިސްބަތްވާ ފަސް ފަތުރުވެރިއަކު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ތެރެއިން އެކަކު ފެނުނީ މަރުވެފައި އޮއްވައެވެ. ދެން ތިބި ފަތުރުވެރިން ހޯދުމުގެ މަސައްކަތް އިއްޔެގެ ނިޔަލަށް ކުރިއަށް ގެންގޮސް، ވަނީ ވަގުތީގޮތުން މަޑުޖައްސައިލައިފައެވެ. އެ މަސައްކަތް މަޑުޖައްސައިލައިފައި ވަނީ، އެމްއެންޑީއެފްގެ އޮޕަރޭޝަންގެ ތެރެއިން ޑައިވަރަކު ނިޔާވުމާ ގުޅިގެންނެވެ. އިއްޔެ ނިޔާވީ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއެވެ. https://sun.mv/222095 އެއާއެކު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރުމަށް، ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެ މިއަދު ވަނީ އައިސްފައެވެ. މަހުދީ ނިޔާވުމާ ގުޅިގެން، މީސްމީޑިއާގައި އެކި މީހުން އަންނަނީ މަހުދީގެ މަރުގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ، ޚާއްސަ ތަހުގީގެއް ހިންގުމަށް ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ