އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި، ކޮންމެ އަތޮޅަކަށް އެލްޖީއޭގެ "އަތޮޅު އޮފީހެއް"
އަތޮޅު ކައުންސިލްތައް އުވާލުމަށް ފަހު، އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީހެއް ހަދަން ނިންމައިފިއެވެ. މިއަދު ރައީސް އޮފީހުން ވަނީ، އުވާލި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ހެދުމަށް އެ އޮތޯރިޓީއަށް އަންގާފައެވެ. ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ޚިދުމަތްތައް ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. މިސާލެއްގެ ގޮތުގައި ލިޔެފައިވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" މިފަދައިންނެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އަތޮޅު ކައުންސިލްތައް އުވޭ ހިސާބުން ދެން ރައްޔިތުންނަށް ޚިދުމަތްދޭން އެ ތަންތަނުގައި ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީސްތައް ކަމަށާއި، ބްލޮކް ގްރާންޓްގެ ގޮތުގައި އިތުރުވާ ފައިސާ ބަހާނީ ކައުންސިލްތަކުގެ މެދުގައި ކަމަށް ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ވިދާޅުވެފައެވެ. https://sun.mv/219616 ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައި ވާއިރު، އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމާރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ވެސް ސިޓީގައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެންޕޭންގައި ވެސް، ޚަރަދު ކުޑަކުރުމުގެ ގޮތުން އަތޮޅު ކައުންސިލްތައް އުވާލައްވާ، ކައުންސިލަރުންގެ ދަދަދު ކުޑަކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިދިޔަ އަހަރު ވަނީ މިފަދައިން އަތޮޅު ކައުންސިލްތައް އުވާލުމަށާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެހެންކަމުން މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމާއިއެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ