ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި، ޚާއްސަ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ. ޒަކާތު ހައުސްއިން ބުނީ މި ސްކޮލާޝިޕްތަކުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އޭގެތެރޭގައި އިސްލާމީ ޝަރީއާއާއި، ޤުރްއާނާ ބެހޭ ޢިލްމާއި، އިސްލާމީ ތަޢުލީމުގެ އިތުރުން އިސްލާމީ ދިރާސާއާއި ޝާއިއުކުރުމާއި އިސްލާމީ ނޫސްވެރިކަމާއި ޢަޤީދާ ހިމެނެއެވެ. އަދި ފިޤުހާއި އުސޫލުލް ފިޤުހުގެ އިތުރުން އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ވެސް މީގެތެރޭގައި ހިމެނޭކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. ޒަކާތު ހައުސްއިން ބުނީ ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އައިޔޫއެމްއާއި އެމްއެންޔޫއާއި ވިލާ ކޮލެޖުގެ އިތުރުން އެވިޑް ކޮލެޖު އަދި ޒިކުރާ ކޮލެޖުފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ފުރުސަތު ހުޅުވާލެވިފައި ވަނީ އަލް އަޒްހަރު ޔުނިވާސިޓީއާއި އައިއައިޔޫމްއާއި އިންސިފްގެ އިތުރުން ޔޫއެސްއައިއެމްއާއި ޔޫބީޑީ އަދި އައިއައިޔޫއައި އިންނެވެ. ޒަކާތު ހައުސްއިން ބުނީ މި ފުރުސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 30 ސްކޮލާޝިޕް ކަމަށެވެ. ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުސަތު މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ޒަކާތު ހައުސްއިން ވަނީ ޚާއްސަ ސްކޮލާޝިޕް ސްކީމުތަކެއް ވެސް ތާރަފުކޮށްފައެވެ. އޭގެ ތެރޭގައި ސައުދީއާއި މިސްރުގައި މިހާރު ކިޔަވާ ދަރިވަރުންނަށް ސްޓައިޕްންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތަކާއި އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ފަސް ޚާއްސަަ ސްކޮލާޝިޕެއް ހިމެނެއެވެ. ޒަކާތު ހައުސްއިން ބުނީ އެ ސްކޮލާޝިޕްތަކަށް ކުރިމަތިލާ ދަރުވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ ދަރިވަރަކަށް ވުމާއެކު ކިޔަވަން ބޭނުންވާ ޕްރޮގްރާމަށް، އެކަޑަމިކް ގޮތުން ޝަރުތު ހަމަވުމުގެ އިތުރުން، އެ ދަރިވަރަކީ އެމްކިއުއޭއިން ކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބޭ ދަރިވަރަކަށް ވެގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ. ޒަކާތު ހައުސްއިން ވަނީ އިތުރު އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ދިވެހި، އިސްލާމީ މުޖުތަމައު ތަރައްގީކުރުމަށް މުހިންމު ދާއިރާއަކަށް ވާން ޖެހޭނެ ކަމަށް ބުންޏެވެ. އެހެންކަމުން އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހިމެނުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ. އަދި އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީއިން ކަމަށް ވެސް ވަނީ ބުނެފައެވެ. މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00އަށެވެ. އެޕްލިކޭޝަންތައް ފޮނުވާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ