މުޒާހަރާއިން ހައްޔަރުކުރި ޝާމިން އަދި މުޝައްފައުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ މުހައްމަދު ޝާމިން އާއި އަލީ މުޝައްފައުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. ޝާމިން އާއި މުޝައްފައުގެ ބަންދަށް ދުވަސް އިތުރުކުރުމާ ގުޅިގެން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ދެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާކަން ހާމަކުރައްވައިފައެވެ. އަދި މި މައްސަލަ ބެއްލެވި ޣާޒީ އަލީ އާދަމް، ދިފާއީ ވަކީލުން ފާހަގަކުރައްވަން ބޭނުންވި ކަންކަން އަޑުއެއްސެވުމުގެ ބަދަލުގައި އަމުރު ކޮށްފައި ވަނީ ފުލުހުން އެދުނު ގޮތަށް ކަމަށް ވިދާޅުވެ، މައުރޫފް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. https://x.com/i/status/2055969396091502659 އަދި އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމާއި ފިލައިގެން ގޮސްފާނެ ފަދަ އެއްވެސް ހާލަތެއް އޮތްކަން ޝަރީއަތަށް ކަށަވަރުކޮށްދެވިފައި ނުވާ ކަން ވެސް މައުރޫފް ފާހަގަކުރެއްވިއެވެ. އެ ދެމީހުން ވެސް ހައްޔަރުކުރީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް، އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކޮށެވެ. https://sun.mv/222011 މިފަހުން ސަރުކާރާ އިދިކޮޅު ޕާޓީތައް ކަމަށްވާ އެމްޑީޕީ އަދި ޕީއެންއެފްއިން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކަށް ފުލުހުން ވަނީ ހުރަސްއަޅައިފައެވެ. މި އިހުތިޖާޖުތައް ބާއްވަނީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވައިލައެވެ. އަދި ބަންދުކޮށްފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިންކަމަށްވާ މުޙައްމަދު ޝަހްޒާނާއި، ލީވާން ނާސިރު މިނިވަންކުރުމަށް ގޮވައިލައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންގެ ލިޔުމުން ލިބޭ ހުއްދައަކާ ނުލައި، ކަނޑައަޅާފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ރޫޅާލައި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ