މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ގޮވާލުންތައް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ތަކުރާރު ކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހައްޔަރުކޮށް، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި، އޭނާ އެކަހެރިކޮށް ބަންދުގައި ބަހައްޓާފައިވާ ކަމަށް ލިބެމުންދާ ރިޕޯޓުތަކަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް ޒިންމާވާންޖެހޭނީ ކަމާބެހޭ ފަރާތްތަކުން. އަދި އެއްވެސް ލަސްކުރުމެއްނެތި، އޭނާއަށް ބޭނުންވާ ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން އެފަރާތްތަކަށް ލާޒިމުވެގެންވޭ،" ޝާހިދު ވިދާޅުވި އެވެ.
އަދަދު ނޫހުން ނެރެނު އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން މުއިއްޒުއަށް ފާޑުކިޔުންތައް އިތުރުވަމުން ދަނިކޮށް ނެރުނު އަނގަ ބަންދުކުރުމުގެ ކޯޓު އަމުރުގެ ހަބަރު ލިޔެގެން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު، އެ އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި 10 ދުވަހަށް ޖަލަށް ލުމަށް މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ހަމަ އެ ދުވަހު އަދަދު ނޫހުގެ މުހައްމަދު ޝަހުޒާނު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ މިމަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކީ އަނގަ ބަންދުކުރުމުގެ ކޯޓު އަމުރާ ހިލާފު ސުވާލެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ.
މިއީ އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން، ހަބަރެއް ލިޔެގެން އަދި ސުވާލެއް ކޮށްގެން ޖިނާއީ ދައުވާ އުފުލައި ނޫސްވެރިޔަކު ޖަލަށްލި ފުރަތަމަ ފަހަރެވެ.
އަނގަ ބަންދުކުރުމުގެ ކޯޓު އަމުރާ ޝަހުޒާން އަދި ލީވާން ހިލާފުވި ކަމަށް ކަނޑައަޅައި ހުކުމްކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް ވެރިން ހިމެނޭހެން ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އެ މައްސަލަތައް ބަލައި ހުކުމެއް ނުކުރެ އެވެ.
ލީވާން ވަގުތުން މިނިވަންކޮށް ސިއްހީ ފަރުވާ ކަށަވަރުކުރުމަށް ޝާހިދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ