މާލެ ޓެކްސީ ލައިންގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ

ރޭ އިފްތިތާހުކުރި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް، އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. ޚާއްސަ އެޕަކާ އެއްކޮށް، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ކަމަށްވާ "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ރަސްމީކޮށް ރޭ އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. https://sun.mv/220067 އެމްޓީސީސީން ބުނީ، އެއް ހަފުތާއަށް ދަތުރުތައް ހިލޭކުރުމުގެ އަމާޒަކީ، ޚިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުން ކަމަށެވެ. އެހެންކަމުން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައި ދަތުރުތައް ހަމަޖެއްސޭނެ ކަމަށް، އެ ކުންފުނިން ބުންޏެވެ. މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ. އެގޮތުން މި ޓެކްސީ ލައިންގައި ބޭނުންކުރާނީ: ޗަންގަން އޮޓޯމޮބައިލް، އެސް.ސުމެއް.ފަހެއް - 60 ކާރު ޗަންގަން އޮޓޯމޮބައިލް، ލުމިން އަދި އެސް.ސުމެއް.ހަތެއް - 90 ކާރު ސަރުކާރު ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް: އެމްޓީސީސީން ވަނީ 107 ޑްރައިވަރަކު ހޯދަން އިއުލާނުކޮށްފަ --- ފޮޓޯ/ އެމްޓީސީސީ ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވިދާޅުވީ، ރޭ ފެށި ޓެކްސީ ލައިންގެ ޚިދުމަތަކީ އަންނަން ހުރި ޖީލުތަކަށް މި ސަރުކާރުން ގެނެސްދިން ހައްލެއް ކަމަށެވެ. ސަޢުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް އެ ޚިދުމަތްދޭ ހުރިހާ ޑްރައިވަރުން ތިބީ ތައްޔާރަށް ކަމަށެވެ. ހަމައެއާއެކު މިހާރު ވެސް ފުޅާ ދާއިރާއެއްގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެމްޓީސީސީން ދޭކަން އޭނާ ފާހަގަކުރައްވިއެވެ. "އަޅުގަނޑަށް ދަންނަވާލަން ބޭނުންވަނީ މިރޭ [ރޭ] މި އިފްތިތާހުކުރެވޭ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމުގައި ތިޔަ ބޭފުޅުން ސާބިތުވެ ތިއްބަވާށޭ. [ޚިދުމަތް] ހޯއްދަވާ ކޮންމެ ބޭފުޅަކަށް ވެސް ހިނިތުންވުމާއެކު ޚިދުމަތް ދިނުމުގެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރާށޭ،" ޑްރައިވަރުންގެ ފަރާތުން ސަޢުދީ އެދިވަޑައިގަތެވެ. ސަރުކާރުން ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތަކެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ. އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ރަށްރަށުގައި އާރުޓީއެލް ފެރީގެ ޚިދުމަތް، އަދި ބަހުގެ ޚިދުމަތް ތައާރަފްކުރުމަށްފަހު، އެމްޓީސީސީން އަބަދުވެސް ހަފުތާއަކަށް ދަތުރުތައް ހިލޭކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ