އަލިފާނުގެ ހާދިސާގައި ވިލިނގިލީ ސްކޫލަށް ބޮޑު ގެއްލުމެއް: "ކިޔެވުން ނުހުއްޓޭނެ ގޮތަށް ކަންކަން އިންތިޒާމު ކޮށްދޭނަން"
ރޭ ދަންވަރު ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސްކޫލަށް ބޮޑު ގެއްލުމެއް ލިބުނުއިރު، ކިޔެވުން ނުހުއްޓޭނެ ފަދަ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. އެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި އެއީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޝަފީއު ވިދާޅުވިއެވެ. https://sun.mv/220079 މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމް ވަނީ އަނދާފައި ކަމަށް ޝަފީއު ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ އަންނަ ހަފުތާގެ ކިޔެވުން ފެށެންވާ އިރަށް، ޕްރިންޓިން ރޫމްގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި، ފަރުނީޗަރު ސްކޫލަށް ލިބޭނެ އިންތިޒާމު ހަމަޖެއްސައިދޭނެ ކަމަށެވެ. އަދި ކިޔެވުން ނުހުއްޓޭނެ ފަދަ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެ ކަމުގެ ޔަގީންކަން ޝަފީއު ވަނީ ދެއްވައިފައެވެ. "މި ފުރުސަތުގައި، އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވަން. ވަކިން ޚާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވަން،" ޝަފީއުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ. ރޭ ހިނގި ހާދިސާއާ ގުޅިގެން ވިލިނގިލީގެ ކައުންސިލަރު އިބްރާހީމް ރަޝީދު 'ސަން'އަށް ވިދާޅުވީ، އަލިފާން ރޯވީ، ތައުލީމީ މަރުކަޒުގެ ހަތަރު ވަރަކަށް ސްޓާފްރޫމް ހުރި ސަރަހައްދުގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ