8 ބިލިޔަން ދަރަނި ދައްކައި، މާލީ ހަރުދަނާ ސިޔާސަތުގެ ޔަގީންކަން

ދިވެހި ދައުލަތް ބަނގޫރުޓުވާނެ ކަމަށް ރަނގަބީލު ޖެހި އެންމެ ބޮޑު ސަބަބަކީ، 8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ މުއްދަތު މިއަހަރަށް ހަމަވާތީއެވެ. މިއީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ތަކުރާރުކޮށް އެކި އިންޒާރު ދެމުން އައި ކަމެކެވެ. ނަމަވެސް އަދުގެ ސަރުކާރުން އަބަދުވެސް ޔަޤީންކަން ދެމުން އައި އެއް ކަމަކީ، މި ސުކޫކު ދެއްކޭނެ ކަމެވެ.
ސުކޫކު ދައްކާފައިވާއިރު، މިހާ ބޮޑު އަދަދެއް ދައްކަން ޖެހުނު ސަބަބަށްވެސް ވިސްނާލަން ޖެހެއެވެ. ވެރިކަމުގެ 2 ދައުރެއްގެ ތެރެއިން އުފެދުނު ދަރަންޏެކެވެ. ރައްޖޭގެ ތަރައްޤީއަށް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑެއް ނެގިއެވެ. އެ ބޮންޑުގެ މުއްދަތު ހަމަވާން އޮތީ، 2021 ވަނަ އަހަރުގައެވެ. މި ބޮންޑުގެ މުއްދަތު ހަމަވުމުން އެ ދެއްކުމަށް ކޮވިޑާއި ގުޅިގެން އިތުރު ޚަރަދު ކުރަން މަޖުބޫރުވިއެވެ. ނަމަވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން އެ ދެގުނަކޮށް ސުކޫކެއް ނެގިއެވެ.
އެއްފަހަރާ 8 ބިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، އާންމުކޮށް މިކަހަލަ ކަންކަމުގައި ކަންވެފައި އޮންނަ ގޮތަކީ، ދަރަނި ދެއްކުމަށް އިތުރު ދަރަންޏެއް ނެގުމެވެ. ކުރީ ސަރުކާރުންވެސް އަމަލު ކުރީ އެގޮތަށެވެ. މިގޮތަށް ދަރަނި ދެއްކުމުގެ ފުރުސަތު އަދުގެ ސަރުކާރަށްވެސް އޮތެވެ. ނަމަވެސް މިހާރު ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ބަލާއިރު އެ ލިބޭ ލޯނަކީ ރާއްޖެއަށް އުފުލޭނެ މާލީ ބުރައަކަށް ނުވާނެއެވެ.
މި ސުކޫކު ސަރުކާރުން ދައްކާފައިވާ ގޮތަށް ބަލާއިރު، ސުކޫކު ދެއްކުމަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު އަދި ދައުލަތުގެ ރިޒާވް ބޭނުން ކޮށްފައިވެއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި ނުވަތަ 7.7 ބިލިޔަން ރުފިޔާއާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 8.1 ބިލިޔަން ރުފިޔާ މިހާރު ވަނީ ދައްކައި ނިންމާފައެވެ.
މިކަން ކުރުމަށް ސަރުކާރުން ވިސްނީ، ރިޒާވު ހަރުދަނާ ކުރުމަށެވެ. އަދި ކުރީ ސަރުކާރުން ހުސްކޮށްލާފައި ދިޔަ ދަރަނި ދެއްކުމަށް ހާއްސަ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު އަލުން އިޔާދަ ކުރަން ފެށިއެވެ. ދެ އަހަރު ދުވަހުގެ މަސައްކަތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު 350 މިލިޔަން ޑޮލަރަށް މަތިކުރުމަކީ، ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިފަދަ ދަރަންޏެއް އަދާކުރަން ޖެހޭ ކަމަށް ވިސްނައިގެން، ހަރުދަނާ ސިޔާސަތެއް ގެންގުޅުމުގެ ނަތީޖާއެވެ.
ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލާއެކު ދައުލަތުގެ ރިޒާވަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެން ދިޔައެވެ. ބޭންކުތަކަށް މާރުކުރާ ފައިސާގެ ބައެއް އެމްއެމްއޭއަށް ލިބޭއިރު އޭގެތެރެއިން ބައެއް ރިޒާވު ހަރުދަނާ ކުރުމަށް ބޭނުން ކުރެއެވެ. ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މަތި ނުވާ މިންވަރަށް، އެއީ 1.3 ބިލިޔަން ޑޮލަރަށް ރަސްމީ ރިޒާވު މަތިވިއެވެ. މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވު 300 މިލިޔަން ޑޮލަރުން މައްޗަށް ޖެހިލިއިރު، މިހުރިހާ ކަމަކުންވެސް ފެނިގެން ދިޔައީ ދަރަނި އަދާކުރުމުގެ ޤާބިލިއްޔަތުކަން އަމިއްލައަށް ބިނާކުރި ތަނެވެ.
ދަރަންޏެއް ދެއްކުމަށް އިތުރު ދަރަންޏަކަށް ބަރޯސާނުވެ، ދަރަނި ދައްކާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ބުރޫ ނާރާ ގޮތަށް ރޭވުންތެރި ކަމާއެކު، ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައި އޮތްކަން ސުކޫކު ދެއްކުމުން ސާބިތުވެއެވެ.
ސުކޫކު އަދާކުރުމަށްފަހު، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިއްޖެއެވެ. ބައެއް ޤައުމުތަކަށް މުދާ ލިބުމުގެ ދަތިތައްވެސް އެބަހުއްޓެވެ. ނަމަވެސް ރާއްޖެއިން އަވަށްޓެރި ޤައުމުތަކާއި އަދި އެހެން ބައެއް ޤައުމުތަކާއެކު ކުރަމުންދާ މަސައްކަތުގެ ތެރެއިން އިޤްތިޞާދު މެނޭޖްކޮށް، ދެމެހެއްޓެނި ގޮތެއްގައި ރައްޔިތުންނަށް ކަންކަން ފަހިވާ ގޮތަށް ކުރުމަށް ދަނީ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.
ސުކޫކު ދެއްކުމާއެކު ދައުލަތުގެ ރިޒާވަށް އަންނަ ހީނަރުކަމަށްވެސް ތައްޔާރުވެ، މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިޔަން ޑޮލަރުގެ ބޮންޑު ރޯލް އޯވަރ ކުރުމަށް އަބޫދާބީ ފަންޑާއެކު ކުރި މަސައްކަތްތައް ކާމިޔާބު ކަމާއެކު ނިމިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އިޤްތިޞާދު ނާޒުކު ފައްތަރެއްގައި އޮތްނަމަވެސް ކަންކަން މެނޭޖް ކުރަމުންދަނީ، ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާ ގޮތަށްކަން ސަރުކާރުން ޔަޤީންކަން ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ