އެއްބަސްވެ ދެބަސްވަމާ: އަދިވެސް މި ތިބީ ނޭނގުމެއްގައި؛ ދެން ދޭން ވާނެ ވޯޓަކީ ނޫނެކޭ

މީގެ ކުރިން ހިޔާލު ދިނުމުގެ ވޯޓަކަށް އަހަރުމެން ދިވެހިން ނުކުތީ މީގެ 19 އަހަރު ކުރިންނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށެވެ. ރިޔާސީ ނިޒާމުތޯ ނުވަތަ ބަރުލަމާނީ ނިޒާމުތޯ ނިންމުމަށެވެ. މި ވޯޓު ނެގީ ޑިމޮކްރެސީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. ބާރުތައް ވެރިމީހާގެ މުށުތެރޭގައި އޮއްވަ އެވެ. އެހެނަސް އިސްލާހީ ހަރަކާތަށް ވެރިމީހާ ދިން ޖާގައަކުންނެވެ.
އޭރު ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ނިންމުމާ ވޯޓު ދިނުމާ މެދު 1 އަހަރާއި 2 މަސް ހިނގި އެވެ. ދެ ނިޒާމުގެ ފައިދާއާއި ގެއްލުން ވަޒަންކުރަން ވަގުތު ދެވުނެވެ. މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެންގޮސްދިނެވެ. އޭގެ 19 އަހަރު ފަހުން މާދަމާ ހަމަ މި ޒާތުގެ ވޯޓަކަށް އަހަރުމެން ނުކުންނައިރު ލިބިގެން ދިޔައީ މަހަކާއި ދުވަސްކޮޅެކެވެ.
ގާނޫނުއަސާސީގައި އިންތިހާބުތައް ތަރުތީބުކޮށްފައިވާ ގޮތް ބަދަލުކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމާ މެދު މާދަމާ ވޯޓު ދޭން މި ނުކުންނަނީ އެ ބަދަލު މަޖިލީހުން ފާސްކުރުމާއި ވޯޓު ލުމާއި ދެމެދު މި ލިބުނު އެންމެ 1 މަހާއި 25 ދުވަހުގެ ތެރޭގައި ވިސްނުނު އެއްޗަކުން ވިސްނައިގެނެވެ.
މާދަމާ ވޯޓު ލާން ނުކުންނައިރު މި ކަން ކުރަން އުޅޭ ސަބަބާއި، މި ކަމުން ލިބޭނެ ކަމަށް ބުނާ ފައިދާތައް ހާސިލްވާނެ ގޮތާއި މިއާ ގުޅިގެން ގެންނަން ޖެހޭ ދެން ހުރި ބަދަލުތައް ގެންނާނެ ގޮތުގެ ފުރިހަމަ މައުލޫމާތެއް ލިބިފައެއް ނެތެވެ.
ރައްޔިތުން ނޭނގުމެއްގައި ތިބެގެން މާދަމާ މުހިންމު ބަދަލަކަށް ވޯޓުލާން ނުކުންނަ އިރު ވިސްނަންވީ ކަންކަމަކީ މި ހުކުރު ދުވަހު 'ދައުރު'ން ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މައުލޫއެވެ. މި މައުލޫގައި ވާހަކަ ދެއްކެވުމަށް މި އެޕިސޮޑްގެ މެހެމާނަކީ ގާނޫނީ ވަކީލު މަހުފޫޒު ސައީދެވެ.
މަހުފޫޒު ވާހަކަ ފައްޓަވަމުން ވެސް ފާހަގަކުރެއްވި ކަމަކީ ޑިމޮކްރެސީއެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުން ކަމެވެ. ގާނޫނުއަސާސީއަކީ ޑިމޮކްރެޓިކް ދައުލަތް ހިންގަންވީ ގޮތުގެ އަސާސީ ލިޔުންގަނޑެވެ. ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމުގެ ވާހަކަ، އެ ޝުއޫރު އަންނަން ވާނީ ރައްޔިތުންގެ ތެރެއިން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަކީ ދައުލަތާއި ރައްޔިތުންގެ ދެމެދު އޮންނަ އިޖުތިމާއީ މައިގަނޑު އެއްބަސްވުމެވެ. ރައްޔިތުންގެ މެދުގައި ކަންކަން ހުންނަންވީ ގޮތްތައް، ވެރިމީހާ ހޮވާނެ ގޮތާއި، ބާރުތައް ބެހޭނެ ގޮތާއި، އެންމެން އަމަލުކުރާނެ ގާނޫނުތައް ހަދާނެ ގޮތް، މި ހުރިހާ އެއްބަސްވުންތައް ހިމެނޭ މައިގަނޑު އެއްބަސްވުމަކީ ގާނޫނުއަސާސީ އެވެ.
"އެއަށް ބަދަލެއް ގެންނަން ޖެހޭ ކަމުގެ އިހުސާސް ކުރެވެން ފަށަން ޖެހޭނީ ވަކި މަސްއޫލިއްޔަތަކަށް އިންތިހާބުކުރެވޭ މީހަކަށް ނޫން،" މަހުފޫޒު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މި ފަހުން ބައެއް ގައުމުތަކުގައި އަސާސީ ހައްގުތަކުގެ ތެރޭގައި އިންޓަނެޓް ހިމެނުމަށް ކުރި ވަކާލާތެވެ. އިންޓަނެޓަކީ އަސާސީ ހައްގެއް ގޮތުގައި ކޮންމެ މީހަކަށް ވެސް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ހިދުމަތެއް ކަމަށް ގާނޫނުއަސާސީގައި ލިޔަން ކުރި ވަކާލާތެވެ.
"ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް އަސާސީ ހައްގުތަކުގެ ތެރޭގައި ކަރަންޓު، ބޯހިޔާވަހިކަން ފަދަ ކަންކަން އޮތަސް އިންޓަނެޓެއް ނުހިމެނޭ. ރައްޔިތުންތަކެއް ވަކާލާތުކޮށްފާނެ އެ ކަމަށް. ދެން ގާނޫނު ހަދާ ފަރާތުގެ ސަމާލުކަމަށް މި ކަން އައިސްގެން، ނޫނީ އެ ތަނަށް ޕެޓިޝަނެއް ގޮތަށް ނަމަވެސް ހުށަހެޅިގެން އެ ކަމާ މަޝްވަރާކޮށްގެން އެ އޮތީ އެ ބަދަލު ގެންނަން ޖެހިފައި،" އެ ކަން އޮންނަންވީ ގޮތް މަހުފޫޒު ތަފްސީލްކޮށްދެއްވި އެވެ.
ނަމަވެސް ރާއްޖޭގައި މިވާ ގޮތަކީ ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ގާނޫނުއަސާސީގައި އޮންނަ އިޖުރާއަތްތައް 'ނަމަކަށް' ފުރިހަމަކޮށްލުން އެކަންޏެވެ. އިންތިހާބުވާ ސިޔާސީ ޕާޓީއަށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް މި މަޖިލީހުން ގާނޫނުއަސާސީ ބަދަލުކުރީ އެންމެ ނުވަ ގަޑިއިރު ތެރޭގަ އެވެ. ރައްޔިތެއްގެ ހިޔާލު ހޯދަން ހުޅުވާ ވެސް ނުލަ އެެވެ.
"ވެރިމީހާއަށް، ރައީސަކަށް ހުންނަ މީހާއަށް އެއް ދުވަހު އިހުސާސް ވަނީ ތިމަންނައަށް ގާނޫނުއަސާސީގެ މިވެނި ތަންކޮޅެއް ބަދަލުކޮށްލަދޭންވީއޭ. ބަލާލިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީން މި އޮންނަނީ އެ ބަދަލު ގެނެވޭ ގޮތަށް. ދެން އެ ބަދަލުކޮށްލަންވީ. މިހެން ކުރާ ކަމެއް ނޫން އެއީއެއް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ބަދަލުގައި ބަދަލުގެ ޝުއޫރު އަންނަނީ ވެރިމީހާގެ ފަރާތުން ނުވަތަ އިންތިހާބީ މަގާމެއްގައި ތިބި ބައެއްގެ ފަރާތުން ކަމަށްވާނަމަ އެ ކަމަށް ފުރަތަމަ ވެސް ބަލަން ޖެހޭނީ ޝައްކުގެ ނަޒަރުން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
"އިންތިހާބު ކުރެވިފައިވާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އެ މީހުން ހުށަހަޅާ ބަދަލުތަކަށް އަޅުގަނޑުމެން ބަލަން ވާނީ ޝައްކުގެ ނަޒަރަކުން. ބޮޑަށް ތިިބި މީހުން މި ވެނި ކަމެއް އޮންނަން ވާނީ މިވެނި ގޮތަކަށޭ ބުނީމައި ފުރަތަމަ ވެސް ބަލަންވާނީ ޝައްކުގެ ނަޒަރަކުން. ތަހުގީގީ ނަޒަރަކުން އެ ކަމަށް ވިސްނަން ވާނީ،" އޭނާ ވިދާޅުވި އެވެ.
އެއިން ހާސިލްވާނީ ކޮން ކަމެއްތޯ އާއި މި ކަން މި ވަގުތަށް ކުރުމުގެ ބޭނުމެއް ވެސް އެބަ އޮތްތޯ ބަލަން ޖެހޭ ކަން މަހުފޫޒު ފާހަގަކުރެއްވި އެވެ.
މި ބަދަލުން ކުރަން އުޅޭ ހަމައެކަނި ކަމަކަށް ފެންނަނީ މިދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިން ސުވާލުކުރަން ފެށުމުން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ އެވެ. އެއީ މި ވޯޓުގައި ރައްޔިތުން ނިންމާ ގޮތަކުން ރިޔާސީ އިންތިހާބު އެއްބުރުން ނިންމޭ ގޮތަށް ބަދަލުކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަންތައްތަކެވެ.
ގާނޫނުއަސާސީގެ 111ވަނަ މާއްދާގައި މި އޮންނަނީ ރައީސަކު އިންތިހާބުވާނީ ވޯޓުލާ މީހުންގެ %50 އަދި އިތުރު އެއް ވޯޓު ލިބިގެން ކަމެވެ. މަހުފޫޒު ވެސް ފާހަގަކުރެއްވި ގޮތުގައި މި މާއްދާއަކީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި، ރައްޔިތުންގެ މަޖިލީހަށް ބަދަލުކުރެވިދާނެ މާއްދާއެއް ކަމެވެ.
އެހެންކަމުން މި ކުރަން އުޅޭ ކަމަކީ ފަސޭހައިން ދެވަނަ ދައުރެއް ހޯދުމެވެ.
"ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ފެނުނު ކަމަކީ ސަރުކާރަށް ތާއީދު ގެއްލުނަސް އޭރެއްގެ ސަރުކާރަކަށް ހޯދޭކަން ބޮޑު އަދަދެއް. ކުރީގެ ރައީސް ޔާމީނަށް ތުހުމަތުކުރެވޭ އެތައް ކަމެއް އޮވެފައި ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލުމުން އެ އެންމެންގެ އާއިލާތަކާއި އެތައް ބައެއްގެ ނުރުހުން އޮވެފައި ވެސް 95،000 ވޯޓު ހޯދި،" މަހުފޫޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް 6 ކެންޑިޑޭޓުން ކުރިމަތިލައިގެން 300،000 މީހުން ވޯޓުލައިގެން ވޯޓުތައް ބެހިގެންދާ ގޮތަކުން 95،000 ވޯޓު ހޯދޭ މީހަކު އިންތިހާބުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މަހުފޫޒު ފާގަކުރެއްވި އެވެ. އެކަމަކު އެއީ 210،000 މީހުންގެ ވޯޓު ނުލިބި ވެރިކަމަށް އަންނަ މީހެކެވެ. މި ކަމަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލިސް އިންތިހާބު އެކީގައި ބާއްވައިގެން ދެ އިންތިހާބު ވެސް އެކީ ނެގޭނެ ގޮތެއް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
މަހުފޫޒު ވިދާޅުވީ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލާއި، ބަދަލާ ގުޅިގެން ރައްޔިތުންގެ ހިޔާލަށް ހުޅުވާލި ސުވާލު އަދި އެއާއެކު އާންމުކުރި މައުލޫމާތު ކަރުދާހުން އުފެދެނީ އިތުރު ސުވާލުތައް ކަމަށެވެ.
މި ކަން ތަފްސީލްކޮށްދެއްވުމުގެ ގޮތުން މަހުފޫޒު ފުރަތަމަ ފާހަގަކުރެއްވީ ވަކި ތާރީހެއްގައި މަޖިލީހުގެ ދައުރު ފެށުމަށް ހިމެނި ކަމެވެ. ސީދާ ތާރީހުތަކާއި ތަންތަނުގެ ނަންނަމާއި މީހުންގެ ނަން މިއީ ގާނޫނުތަކުގައި ލިޔާ އެއްޗެއްސެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާގެ އެ ނުކުތާ ބާރު ދިނުމުގެ ގޮތުން ދެ ކަމެއް ފާހަގަކުރެއްވި އެވެ:
ފުރަތަމަ ގާނޫނުއަސާސީގައި ލިޔުނު ކަމެއް އެއީ ހާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އޭރު އިނގިރޭސިވިލާތުގެ ރާނީ ވިކްޓޯރިއާގެ ރައުޔައަށް ބަލަން ޖެހޭނެކަން؛ އެކަމަކު ވިކްޓޯރިއާއެއް ނުހުންނާނެތާ އިނގިރޭސިވިލާތުގެ ރާނީއަކަށް ތާއަބަދަކު
މިހާރު ޒިންމާތައް ގާނޫނަކުން މިނިސްޓަރަކާ ހަވާލުކުރާއިރު ވެސް ގާނޫނުގައި ލިޔަނީ ވަކި ކަމެއް ހަވާލުކުރާ މިނިސްޓަރުގެ ގޮތުގައި؛ އެއީ މިނިސްޓްރީތަކުގެ މެންޑޭޓުތައް އެކި ސަރުކާރުތަކުގައި ތަފާތުވާތީ ( މިސާލަކަށް ހެލްތު އާއި ޔޫތު މިނިސްޓްރީ އެއްކޮށްލާފައި ހެލްތު މިނިސްޓަރުގެ ޒިންމާތަކެއް ސަރުކާރަކުން ޔޫތު މިނިސްޓަރާ ވެސް ހަވާލުކޮށްފާނެ)
"މި ބަދަލުގައި ވަކި ތާރީހެއް ލިއުމުން ދިމާވާ ކަމަކީ އެ ތާރީހުގައި އެ ކަމެއް ނުވެއްޖެއްޔާ ކުރެވޭނެ ގޮތެއް ނޭނގެ. ގާނޫނުއަސާސީ ދަންނަ ކަމެއް އެއީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަހަރު ދުވަހަށް މަޖިލިހުގެ ދައުރެއް ދަންމާލެވޭކަން. ދެން މަޖިލިސް އިންތިހާބުކުރުން މަޑުކުރާނީތޯ އެ ބުނާ ތާރީހެއް އަންނަން ދެން. މިއިން ކަމެއް ސާފެއް ނުވޭ،" މަހުފޫޒު އިތުރަށް ތަފްސީލްކޮށްދެއްވި އެވެ.
މި ވޯޓަށް އެހުމުގެ ކުރިން ހިޔާލު ހޯދުުމުގެ ގާނޫނު ވެސް ގެނައީ މި މަޖިލީހުންނެވެ. އެއީ ވެސް މަހުފޫޒު ގަބޫލުކުރައްވާ ގޮތުގައި މިހާރު އޮތް މަޖިލީހުގެ ދައުރާ ކުޅެގެން ނޫން ގޮތަކަށް މި ބޭނުންވާ ބަދަލު ގެނެވެން ނެތީތީވެ، ކުރި ކަމެކެވެ. މަޖިލީހުގެ އުމުރަށް ބަދަލެއް ގެނެވެނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު އެ ކަމަށް ރުހޭނަމަ އެވެ.
ނަމަވެސް ހިޔާލު ހޯދުމުގެ ގާނޫނުން ވެސް އުފެދެނީ އިތުރު ސުވާލުކަން މަހުފޫޒު ފާހަގަކުރެއްވި އެެވެ. ބިލުގައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުން ވޯޓަކަށް ދަންޏާ، އެ ކަމަށް އެއްކޮޅަށް ހުރި ހުއްޖަތްތައް އަދި ދެކޮޅަށް ހުރި ހުއްޖަތްތައް ވެސް ބަޔާންކުރާ މައުލޫމާތު ކަރުދާހެއް އާންމުކުރަން ޖެހެ އެވެ. އެކަމަކު ރައީސަށް މި އޮންނަނީ ހަމައެކަނި އެއްކޮޅަށް ހުރި ހުއްޖަތް ދެއްކުމެވެ. ދެކޮޅަށް ހުރި ހުއްޖަތް ދައްކަން ރައީސަށް ލާޒިމެއް ނުކުރެ އެވެ.
"އެ ފަރަގު ގެނައި ސަބަބެއް ފެންނާކަށް ނެތް. އޭގެ ހިކުމަތެއް ނޭނގެ. މަޖިލީހުގެ ޔައުމިއްޔާތަކުން ވެސް ނުފެނޭ. ހަމަ ފޮނުވި ގޮތަށް ފާސްކޮށްލާފައި ވަނީ. އެ ވެދާނެ ޓައިޕިން އެރޯއަކަށް ވެސް،" މަޖާޒީ ގޮތެއްގައި މަހުފޫޒު ވިދާޅުވި އެވެ.
ދެން އެއްކޮޅަށް ހުރި ހުއްޖަތް ހުށަހެޅުމަކީ އަދި ހަމައެކަނި ނަތީޖާ ބަޔާންކުރުމެއް ވެސް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އެހެން ނަމަވެސް ހަމައެކަނި ނަތީޖާ ލިޔެގެން މައުލޫމާތު ކަރުދާހެއް ނެރުމުން އެއިން ވެސް އުފެދެނީ އިތުރު ސުވާލެވެ.
"ހަރަދު ކުޑަކުރުމަކީ ނަތީޖާ ކަމަށްވަންޏާ ހަރަދުކުޑަކުރެވޭ ގޮތް ވެސް ބަޔާންކުރަން ޖެހޭ. އިންތިހާބުތައް ވަކިން ބާއްވައިގެން މިހާރު ހަރަދުވަނީ ކިހާވަރެއްކަން. މި ދެ އިންތިހާބު އެކީގައި ބާއްވައިގެން ސަލާމަތްވަނީ ކިހާވަރެއް ކަން،" މަހުފޫޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވަރަށް ނޭނގުމެއްގައި ތިބެގެން މި ވޯޓުގައި އާނއެކޭ ބުނެވެން ނެތް ކަމަށެވެ. ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ތިބި، އިލްމީ ނަޒަރަކުން މި ކަމަށް ވިސްނާ ފިކުރުކުރާނެކަން ޔަގީން މީހުންނަށް މި ކަމުގައި ވޯޓުލާކަށް ފުރުސަތެއް ވެސް ނުލިބުނެވެ. މިހާ ބޮޑު ތާރީހީ ބަދަލަކަށް ވޯޓުލާން ދާއިރު ބަސް ބުނަން ޖާގަ ނުލިބޭ ބަޔަކު އޮވެގެން ނުވާނެތާ އެވެ.
މި ހާލަތުގައި އާނއެކޭ ބުނާނީ ވެސް ވަރަށް ބޮޑަށް ކަންކަން ވަރިހަމަވެގެން ތިބޭން އެއްބަސްވެވޭ މީހަކަށް ކަމަށް ވިދާޅުވި އެވެ. ހަރަދު ކުޑަކުރުމަކީ ޑިމޮކްރެސީގައި ރައްޔިތުންނަށް ލިބިދޭ ބާރު ކުޑަކުރުމަށް އެކަށޭނަ ހުއްޖަތަކަށް ވެސް ނުވެ އެވެ.
"ޑިމޮކްރެސީއަކީ އަގުބޮޑު ކަމެއް. އެކަމަކު ޑިމޮކްރެސީއަށް އަޅުގަނޑުމެން އެއްބަސް މި ވަނީ ހަމަހަމަ މުޖުތަމައެއް ލިބުމުގެ އުންމީދުގައި. ޖުޑީޝަރީ މިނިވަންކޮށް ބޭއްވުމުގެ ބަދަލުގައި ޖުޑީޝަރީ ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފިއްޔާ ކިތަންމެ ތަނަކުން ހަރަދު ކުޑަވާނެ. އެކަމަކު ހަރަދު ކުޑަކުރަން ވެގެން އެއީ އަޅުގަނޑުމެން ހަމަ ދޫކޮށްލާނެ ކަމެއް ނޫން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ