ޕާކިން ސްލޮޓުތަކުން ލިބުނު 90 މިލިއަންގެ 'ކަޓު' ކެމްޕޭނަށް އެބަ ހަރަދު ކުރޭ: އަލީ ނިޔާޒު

ހުޅުމާލެއިން އިއުލާންނުކޮށް ޕާކިން ސްލޮޓު ވިއްކައިގެން ލިބުނު ފައިސާއިން 90 މިލިއަނެއްހާ ރުފިޔާ ރިޝްވަތުގެ ގޮތުގައި ބަހާފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ވަރަށް ބައިވަރު ފައިސާ ނާޖާއިޒު ގޮތުގައި ކެމްޕޭނަށް ބޭނުންކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
"އެގޮތުން މައިގަނޑު ގޮތެއްގައި ލާރި ހޯދަން މިދިޔަ ހަފްތާގެ ތެރޭގައި ފާހަގަވީ، ހުޅުމާލޭގައި ޕާކިން ސްލޮޓުތަކެއް އިއުލާން ނުކޮށް ވިއްކާލިކަން،" ނިޔާޒު ވިދާޅުވި އެވެ.
"މައުލޫމާތު ލިބޭ ގޮތުގައި އޭގެ ތެރެއިން ނާޖާއިޒު ގޮތުގައި މި ކެމްޕޭނަށް 90 މިލިއަން ރުފިޔާ ހޯދާފައިވޭ. އަދި އެ ފައިސާ ރާއްޖޭގެ އެކި ރަށްތަކުގައި ދައުރުކުރަމުންދަނީ."
ސަރުކާރުން ކެމްޕޭނަށް ރިޝްވަތުގެ ފައިސާ ބެހި ނަމަވެސް ނިޔާޒު ވިދާޅުވި ގޮތުގައި މިނިވަން ދިރާސާތަކުން ދައްކަނީ ރައްޔިތުން ބޮޑުތަނުން ރައީސްއަށް ނޫނެކޭ ބުނާ މަންޒަރެވެ.
އެނގުން މުހިންމު - އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރަމުން އަންނަ ކެމްޕެއިންނަށް ފައިސާ ހޯދުމަށް "ކަޓު ނަގައިގެން" އެޗްޑީސީން ހުޅުމާލެއިން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކި ކަމުގެ ތުހުމަތުތަކެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ.
އެޗްޑީސީގެ އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، މިދިޔަ މަހު ކުރީކޮޅުން ފެށިގެން ހުޅުމާލެ ފޭސް 1 އާއި ފޭސް 2ގެ ހަތް ސަރަހައްދަކުން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް "ބޮޑު އަގުގައި ކަޓު ނަގައިގެން ވަނީ ވިއްކާލާފަ" އެވެ. އޭނާ ބުނި ގޮތުގައި:
ބައެއް މީހުންގެ އަތުން 35،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދެއް ނަގާފައިވޭ 
މި ޕާކިން ސްލޮޓްތަކުން އެޗްޑީސީއަށް އިނިޝިއަލް ޕޭމަންޓާއި މަހު ކުލީގެ ގޮތުގައި ލިބޭނީ ނިސްބަތުން ވަރަށް ކުޑަ އެއްޗެއް
ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް، ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެކަމުގެ އިންޒާރު އެޗުޑީސީއިން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ