މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާ ސްޕެއިން ޤައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ލެމީން ޔަމާލް އެހެން ކުޅުންތެރިންނާއި ވަކިން ފަރިތަކުރުންތައް ބާއްވައިފިއެވެ.
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ނިއުޔޯކް ރެޑް ބުލްގެ ތަމްރީން މަރުކަޒުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު ޔަމާލް ފެނިގެންދިޔައީ ޓީމުގެ އެހެން ކުޅުންތެރިންނާއި ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ތަނެވެ. އަދި އެންމެ ފަހުން ފަރަންސޭސީންނާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހި ޕެޑްރޯ ޕޯރޯވެސް ފެނިގެންދިޔައީ ޔަމާލް އާއެކު ވަކިން ފަރިތަކުރަމުންދިޔަ ތަނެވެ.
ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަނުން ހާމަކުރިގޮތުގައި އާދިއްތަ ދުވަހުގެރޭ ދަންވަރު ކުޅޭ ފައިނަލް މެޗުގައި މިދެ ކުޅުންތެރިންވެސް ބައިވެރިވާނެއެވެ. އަދި މިދެ ކުޅުންތެރިން ވަކިން ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ކަމުގައި އެފަރާތުން މަޢުލޫމާތުދެއެވެ. ފަރަންސޭސިވިލާތް އަތުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ޑެ ލަ ފުއެންޓޭވަނީ ޕޯރޯއަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާކަން ހާމަކޮށްފައެވެ. ބެލެވިފައިވާގޮތުގައި ޕޯރޯގެ ފަލަމަސްގަނޑަށް އަނިޔާވެފައިވީ ނަމަވެސް އެއަނިޔާ އެހާ ސީރިއަސްއެއް ނޫނެވެ. އަދި ޔަމާލްއަށް އެއްވެސް ވަރަކަށް އަނިޔާވެފައިނުވާކަން ޑެ ލަ ފުއެންޓޭ ހާމަކޮށްފައިނުވި ނަމަވެސް ފަރަންސޭސި މެޗުގައި ލޫކަ ޑީނިއަރ އާއި ތިއޯ ހެނާންޑޭޒް އާއެކު ހިނގާދިޔަ ކުރިމަތިލުންތަކުގެ އަސަރު ޖެހިގެން އައި ދުވަހު އޭނާއަށް އިހްސާސް ކުރެވެމުންދިޔަ ކަމަށެވެ. މިގޮތުން ގައިގެ އެކިތަންތާ ހިރުން ހުރިކަމުގެ ޝަކުވާ ޔަމާލްގެ ފަރާތުން ލިބިފައިވާކަމަށްވެއެވެ.
ސްޕެއިންއިން ފައިނަލް މެޗަށް ނިކުންނައިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޔަމާލް އާއި ޕޯރޯގެ އިތުރުން އެހެން ހުރިހާ ކުޅުންތެރިންވެސް ވީހާވެސް ތާޒާކަންމަތީ ވަރުބަލިކަމެއް ނެތި އެމެޗަށް ތައްޔާރު ކުރުމަށެވެ. އަދި މީޑިއާއަށް ހުޅުވާލައިގެން ބޭއްވި 15 މިނެޓްގެ ފަރިތަކުރުންތަކުގައި އެހެން އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން މައްސަލައެއް ދިމާވެގެން އުޅޭކަމުގެ އިޝާރާތެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
އެހެން ކުޅުންތެރިންނާއި ވަކިން ޔަމާލް ފަރިތަކުރުން ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ