ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ލޯނުގެ އަދަދަކީ 9.5 ބިލިއަން ޑޮލަރެވެ. އެއީ ރާއްޖޭގެ ގައުމީ އާމްދަނީ ޖީޑީޕީގެ %126 އެވެ. މި އަދަދުގެެ ތެރޭގައި އެކި ފަރާތްތަކަށް ދެވިފަވާ ސޮވެރިން ގަރަންޓީ ވެސް ހިމެނެ އެވެ. މި ޖުމްލަ ދަރަނީގެ ތެރެއިން 4 ބިލިއަން ޑޮލަރަކީ ބޭރަށް ދައްކަންޖެހޭ ދަރަންޏެވެ. މި ދަރަނީގެ ތެރެއިން މިހިނގާ 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ މިންވަރަކީ ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރެވެ. ލަފާކުރެވޭ ގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ %70 ހަރަދުވާނީ މި ލޯނުތައް ދެއްކުމަށެވެ.
މީގެ ތެރެއިން 8 އެޕްރީލް 2026އަށް މުއްދަތު ހަމަވާ 500 މިލިއަން ޑޮލަރުގެ އިސްލާމީ ސުކޫކް އިންޓަރެސްޓާއި އެކުގައި ޖުމްލަ 525 މިލިއަން ޑޮލަރު ރާއްޖެއިން މިވަނީ މިއަދު ދައްކައި ހަލާސްކޮށްފަ އެވެ.
މިއީ ރަނގަޅު ހެޔޮ ފާލެކެވެ. މި ވަގުތަށް ރާއްޖެ ބަނގުރޫޓުވުމުން (ސޮވެރިން ޑިފޯލްޓަކުން) ސަލާމަތްވީ އެވެ. އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސްގެ ތާރީހުގައި އިސްލާމިކް ބޮންޑެއް ޑިފޯލްޓްނުވެ ސަލާމަތްވީ އެވެ. މި ސުކޫކް ބޮންޑް ނުދެއްކުނު ނަމަ، އިސްލާމީ ފައިނޭންސްގެ އިތުބާރާ އަދި ދިވެހިރާއްޖޭގެ އިތުބާރު ވެސް ގެއްލުނީހެވެ. އަލްހަމްދުލިއްލާހި އެވެ. ގައުމުގެ ބަލިހިތުގެ އެއް ބްލޮކް ފިލުވުނީ އެވެ. ނަމަވެސް އަދިވެސް ބައިވަރު ބްލޮކް އެބަހުއްޓެވެ.
ކުރިން ވެސް ބުނިހެން މިކަމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޑިފޯލްޓް ހާލަތު އަދި ނުފިލަ އެވެ. މުޅި ނުރައްކަލަކުން ރާއްޖެ އަދި މުޅިން ސަލާމަތެއްނުވެ އެވެ. އަޑުއައްސަވާށެވެ. މިއަދު ރާއްޖެއިން އެޅި މި ބޯލްޑް ފިޔަވަޅު މިކަންތައް ރަނގަޅު ކަމަކަށްވާނީ އިތުރު ދަރަނި ނުނަގައި ކުރިއަށް އޮތް ދުވަސްތަކުގައި އިކޮނޮމީ މެނޭޖްކޮށް، 2026ގައި ދައްކަންހުރި ބާކީ ދަރަނިތައް ވެސް މި އަހަރުގެ ބާކީ އޮތް 8 މަސްދުވަސް ތެރޭގައި ދެއްކޭނެ ގޮތަކަށް އިގްތިސާދީ ސިޔާސަތު ބައްޓަންކޮށްގެން އިކޮނޮމީ މެނޭޖްކުރެވިއްޖިއްޔާ އެވެ. އޭގެ ބަދަލުގައި މިކަމަކީ އިންތިހާބަކާ ކުރިމަތިކޮށް ތާއީދު ހޯދުމަށް، ނުވާ ވަރުން ކުރި ސިޔާސީ ކަމެއް ކަމުގައިވާ ނަމަ މިކަމުގެ ވޭނާއި ހިތި ދިވެހިންނާ ވަރަށް އަވަހަށް ކުރިމަތިލާނެ އެވެ.
މިހެން މިދެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖެއިން މި ލޯނުތައް ދެއްކުމަށްޓަކާ ފައިސާ ހޯދުމަށް 2024 އިން ފެށިގެން ބޭނުންކުރުމަށް ހުށަހެޅި އިގްތިސޯދީ އިސްލާހީ ސިޔާސަތުތަކުގެ ބައެއް ސިޔާސަތު ފޭލިވެދާނެތީ އެވެ. މިސާލަކަށް އާމްދަނީ އިތުރުކުރުމުގެ ނިޔަތުގައި ރާއްޖޭގެ ހުރިހާ މައިގަނޑު ޓެކްސްތަކެއް އަހަރުން އަހަރަށް ބޮޑުކުރި އެވެ. އުންމީދަކީ ބޮޑުކުރި ޓެކުހުން ލިބޭ އިތުރު އާމްދަނީން ލޯނުތައް ދެއްކުމެވެ. ނަމަވެސް...
މިދިޔަ މާޗު މަހު މިފެށުނު އީރާނު-އެމެރިކާ-އިޒްރޭލް ހަނގުރާމައިގެ ސަބަބުން އުންމީދުކުރި އަދަދަށް ވުރެ ޓޫރިސްޓުން އައުން ދަށްވެ، ޓެކްސް އާމްދަނީ އެތައް ގުނައެއް ދަނީ ދަށްވަމުންނެވެ. ހަމަ އެ ހަނގުރާމައާ ގުޅިގެން ތެލާއި ކާބޯތަކެއްޗާ އަދި އެހެނިހެން ބާވަތްތަކުގެ އަގުތައް އިންތިހާއަށް ދަނީ ބޮޑުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ ހަރަދުތައް ދަނީ އިތުރުވަމުންނެވެ.
މި ހާލަތުގައި ކުރިއަށް އޮތް ތަނުގައި ގައުމު މެނޭޖްކުރުމަށް އިތުރު ލާރި ބޭނުންވާއިރު އެ ފައިސާ މި ޖެހެނީ ބޭރުން ލޯނުގެ ގޮތުގައި ހޯދާށެވެ. ނުވަތަ ރާއްޖެއިން ފައިސާ ޖަހައިގެން އިތުރަށް ފައިސާ ހޯދާށެވެ. މި ދެ ކަމަކީ ވެސް އޭގެ ޒާތުގައި ރާއްޖޭގެ އިކޮނޮމީއަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިކުރާނެ ދެ ކަންތަކެވެ. އޭގެ ތެރޭގައި މިހާރު ހުރި ރިޒާވުގެ މިންވަރު މާ ބޮޑަށް ދަށްވެ، ހަނގުރާމައިގެ މި ނާޒުކު ހާލަތުގައި އަސާސީ ތަކެތި އިމްޕޯޓްނުކުރެވޭ ހިސާބަށް ދަތިވެދާނެ އެވެ.
މި 500 މިލިއަން ޑޮލަރުގެ ލޯނު ދައްކަން ފައިސާ ނެގުމުން ބޭނުންކުރެވޭ ރިޒާވުގެ މިންވަރު މިހާރު ހުރީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ އިމްޕޯޓަށް ވާ ވަރަށެވެ. ހަނގުރާމައިގެ ސަބަބުން އަގުތައް އުފުލެމުންދާ ގޮތުން މި އަދަދަށް ގަނެވޭ މިންވަރު ފަހަރެއްގައި މަހަކަށް ވުރެ މާ ދަށް ވެސް ވެދާނެ އެވެ.
ބޭރު ފައިސާގެ ދަތިކަމާ އެކު ލިކުއިޑިޓީގެ އިތުރު އެހެން ޕްރެޝަރުތަކެއް އާދެ އެވެ. އެއީ ބޭރު ފައިސާގެ ބްލެކްމާކެޓްގެ ސަބަބުން ރުފިޔާގެ އަގު އިތުރަށް ދަށްވެ، ޑޮލަރު ގަންނަން ލިބޭ އަގު މަތިވެ، އެތެރެ އާއި ބޭރުން އަންނަ އިންފްލޭޝަނަރީ ޕްރެޝަރު އިންތިހާވުމުގެ ބިރެވެ. މާނައަކީ 2026ގައި ދައްކަން ހުރި ލޯނުތަކުގެ ބާކީ ނުދެއްކުމުގެ ބިރު ބޮޑެވެ. ނުވަތަ އެ ލޯނުތައް ދެއްކުން ފަސްކުރުމުގެ މަރުހަލާއަކަށް ދާންޖެހުމެވެ. މި ދެ ކަމުގެ ވެސް ނަތީޖާއަކީ ދަރަނީގެ މިންވަރު އިތުރުވެ، ޑިފޯލްޓް ސިނާރިއޯ އުވިގެން ނުދިއުމެވެ. ތެދެކެވެ؛ މިވަގުތަށް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ އެވެ. އެކަމަކު އަދި އަތްޖަހާވަރެއް ނުވެ އެވެ.
އަނެއް ދެރަ ކަމަކީ މި ލޯނުތައް މިހެން އޮއްވައި ދިވެހިރާއްޖެއިން މިއަދު ވެސް ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ޖުމްލަކޮށް ހުރިހާ ހަރަދުތަކެއް އިތުރުވާނެ ގޮތަށް އިތުރު ވަޒީފާތައް އުފެއްދުމާއި އިތުރު ބޮޑެތި ބިޔަ މަޝްރޫއުތައް ފައްޓަމުން، ކުރިއަށް ގެންދިއުމެވެ. މިއީ ވެސް އިކޮނޮމީއަށް ޕްރެޝަރު އިތުރުވާނެ ކަމެކެވެ. މި ދެ ކަންތައް އެއްކޮށްލައިފި ނަމަ، އަސްލު ހަގީގަތުގައި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލޯނުތައް މިގޮތަށް ދެއްކުމަކީ ވަރަށް ހައްސާސް ކަމަކަށް ވެސް ވެދާނެ އެވެ.
ކޮންމެއަކަސް މިއަދު 500 މިލިއަން ޑޮލަރުގެ މި ލޯނު އޭގެ މުއްދަތަށް ދެއްކުނު ކަމުގައި ވިޔަސް އަދިވެސް މި އަހަރު ރާއްޖެއިން ދައްކަންޖެހޭ ގާތްގަނޑަކަށް 600 މިލިއަނެއްހާ ޑޮލަރުގެ އިތުރު ލޯނުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޗައިނާ، އިންޑިއާ އަދި ބައިނަލްއަގްވާމީ އިދާރާތަކަށް ދައްކަންޖެހޭ ލޯނުތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނިތައް ވެސް ބައިވަރެވެ. އެހެންކަމުން، ހަމަ ކޮންމެ ދުވަހަކީ ވެސް ވިސްނާއި ފިކުރު ކުރަންޖެހޭ ދުވަހެކެވެ.
އުންމީދަކީ ދިވެހި ވެރިންނާއި ދިވެހި ރައްޔިތުން މިކަން ދެނެގަނެ، މިކަމުން ސަލާމަތްވެވޭނެ ގޮތަކަށް ގައުމުގެ ސިޔާސަތުތައް ބައްޓަންކޮށްގެން ކުރިއަށްދިއުމެވެ. ދިވެހިރާއްޖެއަށް ދެރަ ގޮތެއްވާކަށް އެއްވެސް މީހަކު ނޭދޭނެ އެވެ. ސަބަބަކީ ގައުމަށްވާ ކޮންމެ ގެއްލުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެކެވެ. އަދި އޭގެ އަނެއްކޮޅު ވެސް ސައްހަ އެވެ. ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމަކީ ގައުމަށް ލިބޭ ގެއްލުމެކެވެ. މާތްﷲ ހެޔޮ ގޮތް މިންވަރުކުރައްވާށި އެވެ.
1 ބްލޮކް ފިލުވިއްޖެ، އެކަމަކު ގައުމުގެ ބަލިހިތުގެ މައްސަލަ ހައްލެއްނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ