ޓެކްސީލައިންގެ ފުރަތަމަ ހަފުތާގެ ދަތުރުތައް ހިލޭ، ދަތުރު ނަގަން ގުޅާނީ 1655އަށް

ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިކަން ހާމަކޮށް ނެރުނު ނޯޓިސްއެއްގައި ބުނީ، ރޭ އިފްތިތާހް ކުރެވުނު "މާލެ ޓެކްސީ" ލައިންގެ ޚިދުމަތް މިއަދުން ފެށިގެން، 9 އޭޕްރިލް ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ.
އަދި ޚިދްމަތުން އަގު ނެގުމުގެ ކުރިން ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭ މި މުއްދަތުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ކުންފުނީގެ މައިގަނޑު އަޒުމް ކަމަަށްވެސް ބުންޏެވެ.
އެހެންކަމުން މިމުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރު ބުކްކޮށް ޚިދްމަތް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ފުރުސަތު ހުޅުވާލާ ކަމަށާ، އެ މުއްދަތުގައި ޚިދުމަތް ފުރިހަމަ ކުރުމަށް ކަސްޓަމަރުން ދޭ ފީޑްބެކާއިއެކު މިޚިދްމަތް ފުރިހަމަކުރުމަށް މިކުންފުނިން މަސައްކަތްކުރާނެކަމަށްވެސް ބުނެފައިވެއެވެ.
ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ، ތަޖުރިބާ ހަފުތާއަށް ފަހުގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ދަނީ މި ޚިދުމަތަށް ފޯން އެކްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންއެވެ. އެއާއެކު ޚިދުމަތަށް އިތުރު ލުއިފަސޭހަތަކެއް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެއެވެ.
މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ ވިދާޅުވީ ޓެކްސީގެ ހިދުމަތް ފަށަނީ 150 ކާރާއެކު ކަމަށާއި، މި ހިދުމަތް ދޭން ތިބޭނީ މުޅިންވެސް ދިވެހިން ކަމަށެވެ. 
މި ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެއްކަން އެމްޓީސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ