ސަރުކާރުގެ ޓެކްސީ ހިދުމަތް، މާލެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމައިފިއެވެ.
ޓެކްސީ ލައިންގެ ހިދުމަތްދޭ އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އިއްޔެ ފެށި މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުގެ މަތީން އެ ހިދުމަތުން އަގު ނެގުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ރައްޔިތުން ހިޔާލު ހޯދުމަކީ އެ ކުންފުނީގެ މައިގަނޑު އަޒުމު ކަމަށެވެ.
އެ މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރުކޮށް ދަތުރު ބުކްކޮށް ހިދުމަތް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ފުރުސަތު ހުޅުވާލާ ކަމަށާއި ކަސްޓަމަރުން ދޭ ހިޔާލާއެކު ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ސަރުކާރުން އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިއީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތާ އެއްގޮތަށް، ކޮޕް 29 ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކޮށް ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް އަމާޒުކޮށްގެން ތައާރަފުކުރި އިލެކްޓްރިކް ވެހިކަލް (އީވީ) ކާރުތަކެކެވެ. އެ ފްލީޓުގައި ހިމެނެނީ ދުނިޔޭގައި މަޝްހޫރު ޗަންގަން ބްރޭންޑުގެ ކާރުތަކެކެވެ.
އެ ހިދުމަތުގައި ޗަންގަން ބްރޭންޑުގެ ތިން މޮޑެލްއެއްގެ ކާރު ބޭނުންކުރާނެއެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ ސައިޒުން ކުޑަ ލުމިން މޮޑެލްގެ ކާރުތަކާއި، ގިނަ މީހުންނާއި ދާގީނާ އުފުލުމަށް ހާއްސަ އެސް އެލް 03 އަދި އެސް 7 މޮޑެލްގެ ކާރުތައް ހިމެނެއެވެ. ފުރަތަމަ މަރުހަލާގައި 150 ކާރު ވަނީ ހިދުމަތަށް ނެރެފައެވެ.
އެ ކާރުތައް ބުކްކުރުމަށް ފުރަތަމަ ބޭނުންކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ވެބް އެޕްލިކޭޝަނެވެ. އެ ސިސްޓަމް މެދުވެރިކޮށް ކާރު ޓްރެކްކުރުމާއި، ކޭޝްލެސްކޮށް ފައިސާ ދެއްކުމާއި، ޑިޖިޓަލް ރަސީދު ލިބުން ފަދަ ޒަމާނީ ހިދުމަތްތައް ލިބެއެވެ.
އެމްޓީސީސީން ބުނީ ދަތުރުތަކުގެ އަގު ނަގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށާއި އަދި އެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.
އެ ހިދުމަތަށް 407 ޑްރައިވަރުން ވަނީ ނަގައިފައެވެ. ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރާ އެ ޑްރައިވަރުން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ހާއްސަ ތަމްރީނުތަކެއް ވަނީ ދީފައެވެ. އޭގެ އިތުރުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކާރު ބުކްކުރުމަށް އެހީތެރިވުމުގެ ގޮތުން 1650 ގެ ނަމުގައި ހާއްސަ ހޮޓްލައިނެއްވެސް ވަނީ ގާއިމުކޮށްފައެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ